ވަށާޖެހޭ، ދެމެހެއްޓެނިވި އަދި ޤުދުރަތީ ކާރިސާތަކުން ސަލާމަތްކަން ކަށަވަރުކުރެވޭ، ދަނޑުވެރިކަމުގެ ސިނާޢަތެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމަކީ މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، "ކްލައިމެޓް ރެޒިލިއެންޓް އެގްރިކަލްޗަރ ފޮ ފުޑް ސެކިއުރިޓީ އިން މޯލްޑިވްސް" ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނީ ދިރިއުޅުމާއި ދަނޑުވެރިކަމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމާއި، ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުން އިތުރުކުރުމަށްޓަކައި ދަނޑުވެރިންގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، ކެމިކަލް އެކުލެވޭ ގަސްކާނާގެ ސަބަބުން ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށްވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށްޓަކައި އެންމެ ފަހުގެ އިޖާދީ ގޮތްތަކާއި މަޢުލޫމާތުގެ ބޭނުން ކުރުމާއި، ޚާއްޞަކޮށް، އާޓިފިޝަލް އިންޓެލިޖެންސް، (އޭއައި) ގެ ބޭނުން ހިފުމުގެ މައްޗަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެފަދަ ޒަމާނީ އައު އީޖާދުތަކުގެ ބޭނުންހިފައި، އަދި ލިބިފައިވާ ވަޞީލަތްތަކުގެ ބޭނުން ފުރިހަމައަށް ކޮށްގެން، އުފެއްދޭ މިންވަރު އިތުރުކޮށް، ވިލުންވެރި، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއް ޤާއިމުކުރުމުން، ރައްޔިތުންނަށް އޭގެ ފައިދާލިބިގެންދާނޭ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
އެފަދަ ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއްގެ ތެރެއިން ގައިންގަޔަށް ނާރާ ބަލިތައް މަދުކުރެވި، ރައްޔިތުންގެ ދުޅަހެޔޮކަން ޔަޤީންކުރެވިގެންދާނޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. މީގެ އިތުރުން، އެފަދަ ނިޒާމެއްގެ ތެރެއިން، ކާބޯތަކެތީގެ ފެންވަރު ކަށަވަރުކުރެވި، އަދި ފެންވަރު ކަށަވަރުކުރުމަށް، އިތުރު ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު ފަހިކުރެވޭގޮތަށް އެނިޒާމު ފަރުމާކުރެވޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
"ކްލައިމެޓް ރެޒިލިއެންޓް އެގްރިކަލްޗަރ ފޮ ފުޑް ސެކިއުރިޓީ އިން މޯލްޑިވްސް" ކޮންފަރެންސަކީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް އޯގަނައިޒޭޝަން ފޮ ފުޑް ސެކިއުރިޓީ (އައިއޯއެފްއެސް) ގުޅިގެން، ސިޔާސަތުއެކުލަވާލާ ފަރާތްތަކާއި، ދާއިރާގެ ތަޖުރިބާކާރުންނާއި، ދިރާސާވެރިންގެ ބައިވެރިވުމާއެކު ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގައި މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ތަރައްޤީކޮށް، ކާބޯތަކެތީގެ ކަށަވަރުކަން ޔަޤީންކުރުމާއި ބެހޭގޮތުން މަޝްވަރާކުރެވި، ދަނޑުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އޭގެ ޙައްލުތަކުގެ އިތުރުން، ދާއިރާގެ ބައިވެރިންގެ މެދުގައި އެއްބާރުލުން އިތުރުކުރުމަކީވެސް ކޮންފަރެންސްގެ އަމާޒެކެވެ.
މި ލިޔުން ކިޔާލުމުން