Saturday, November 14
ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ ޞިއްޙީ ޚިދުމަތްތައް އެންމެނަށް ހަމަހަމަކޮށް ފޯރުކޮށްދިނުމަށް: ހެލްތު މިނިސްޓަރ
މޫސުމާ ގުޅުންހުރި ޞިއްޙީ ނުރައްކާތައް ޙައްލުކުރުމާއި، ޞިއްޙީ ޚިދުމަތް ހަމަހަމަ ގޮތެއްގައި ލިބޭނެކަން ކަށަވަރުކުރުމުގައި އެއް އަމާޒަކަށް މަސައްކަތްކުރުމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހީމް ގޮވާލައްވައިފިއެވެ. ސުވިޓްޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑުގެ މެންބަރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ނާޒިމް ވަނީ ޞިއްޙީ ދާއިރާއިން ރާއްޖެއިން އިސްކަންދޭ ކަންކަމާ ގުޅޭގޮތުން އަލިއަޅުވާލައްވާފައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ، ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ "ހެލްތު ފޯރ އޯލް" މި ޝިޢާރުގެ ދަށުން ޞިއްޙީ ޚިދުމަތްތައް އެންމެނަށް ހަމަހަމަކޮށް، އެއްވެސް މީހަކު އިސްތިސްނާ ނުކޮށް ފޯރުކޮށްދިނުމަށް ކަމަށެވެ. މިގޮތުން، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި ޕްރައިމަރީ ހެލްތު ކެއަރ (ޕީއެޗްސީ) ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ތިމާވެށްޓަށް ކުރިމަތިވެފައިވާ ނުރައްކާތައް ކުޑަކުރުމަށާއި، ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، ކުރިމަގުގައި ޤާއިމުކުރެވޭ ހޮސްޕިޓަލްތަކަކީ ތިމާވެށްޓާ ރައްޓެހި، ޒަމާނީ ވަސީލަތްތަކާ އެކު ޤާއިމުކުރެވޭ "ގްރީން ސްމާޓް ހޮސްޕިޓަލް" ތަކަކަށް ވެގެންދާނެއެވެ. މީގެ އިތުރުން، ޒުވާނުން ދުންފަތުގެ އިސްތިޢުމާލުން ރައްކާތެރިކުރުމަށާއި، ގައިންގަޔަށް ނާރާ ބަލިތަކާއި އެހެނިހެން ބަލިތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓް (އީ-ސިނގިރޭޓް) ގެ ބޭނުންކުރުން މިހާރު މަނާކުރެވިފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޞިއްޚީ ކުއްލި ނުރައްކާތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އަސަރުތައް ހިމެނޭގޮތަށް، ދުނިޔެއަށް ދިމާވެފައިވާ އެކިއެކި ޞިއްޙީ ގޮންޖެހުންތައް ޙައްލުކުރުމުގައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް އާއި އެ ޖަމްޢިއްޔާގެ އިސްވެރިން ފޯރުކޮށްދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު