ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ހަތް ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އެ މުއައްސަސާއިން ބުނީ އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން، އިއްޔެ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މިގޮތުން މި އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، ޞައްޙަ ވިސާއެއް ނެތި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 07 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން، އިއްޔެ ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަންގައި ވަނީ ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދިއަ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައި. އެގޮތުން ސައްހަ ވިސާއެއްނެތި ޤަވާއިދާ ހިލާފަށް އުޅެމުންދިއަ 07 ބިދޭސީއަކުވަނީ އިމިގްރޭޝަންގެ… pic.twitter.com/PBTvc0nMc8
— Maldives Immigration (@ImmigrationMV) February 3, 2025
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވަނީ މާލެ، ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީންގެ ފިންގަރޕްރިންޓް އަދި ފޮޓޯ އަޕްޑޭޓް ކުރުމުގެ މަސައްކަތް އަންނަ މާރޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރަތްތަކުން އެ މިނިސްޓްރީގެ ފޮރިންގ ލޭބަރ ޑިޕާރޓްމަންޓް ގުޅިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ.
މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރަތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްފެންޑްކޮށް ޚިދުމަތް މެދުކަނޑާލެވޭނެ ކަމަސްވެސް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލައިފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އިމިގްރޭޝަން ވޮޗަށްވެސް 1،000 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ތެރެއިން މިހާތަނަށް 25،00 އަށްވުރެ ގިނަ ބިދޭސީންގެ ބަޔާމެޓްރިކް ޑޭޓާ ވަނީ ނަގާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުފުޅާ އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ދާޚިލީ ވަޒީރު، ޢަލީ އިޙްސާން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން