Wednesday, November 18
ސަރުކާރު ބަންދުވިޔަސް ބުރާސްފަތި ދުވަހު ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ކުރިއަށްދާނެ: އައިޖީއެމްއެޗް

އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވީނަމަވެސް ހޮސްޕިޓަލްތަކުގެ ޚިދުމަތްތަކަށް ބުރޫ ނާރާނެ ކަމުގައި އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ޚާއްޞަ ދެންނެވުމުގައި ބުނެފައިވަނީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވާ ދުވަސް ކަމަށްވާ ފެބުރުވަރީ 6 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވީނަމަވެސް، އެ ދުވަހުގައި ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ އަންނަ ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

މަޖިލިސް ހުޅުވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ. މި ޖަލްސާގައި ރިޔާސީ ބަޔާން އިއްވުން ފިޔަވައި އިތުރު ކަމެއް އެޖެންޑާއެއް ނުކުރާނެއެވެ.

ރައީސް އޮފީހުން ނެރުނު ދެންނެވުމުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި ހަމަޖެއްސެވުމާ ގުޅިގެންނެވެ.

މިގޮތަށް ނިންމަވާފައިވާއިރު، މިދިޔަ އަހަރު ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، މީގެފަހުން ސަރުކާރު ބަންދު ނޫން ދުވަހެއްގެގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް، މި އައު ދެންނެވުމާއެކު ރައީސް އޮފީހުން މިދިޔަ އަހަރު ނެރުއްވި ދެންނެވުން ވަނީ ބާޠިލުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު