Saturday, October 31
ހުރަސް އަޅަން ނުކެރުނީ ތަންކޮޅެއް މީހުން ގިނަވީމަ: ވައްޑެ
އިދިކޮޅު އެންމެ ބޮޑު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމުކޮށްގެން ސަރުކާރާ ދެކޮޅަށް ރޭ ބޭއްވި ހިނގާލުމަށް ހުރަސް އަޅަން ސަރުކާރަށް ނުކެރުނީ ތަންކޮޅެއް މީހުން ގިނަވީމައި ކަމަށް ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ. މިގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑެ ވިދާޅުވީ ރޭ ހުރަސް އަޅަން ނުކުރުނީ ތަންކޮޅޭއް މީހުން ގިނަވީމައި ކަމަށާއި، މި އެއް އަހަރުތެރޭ ބޭއްވި އެއްވުމަކަށް ވިއްޔާ އޮތީ ހުރަސް އަޅާފައި ކަމަށެވެ. ވައްޑެ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. ހީނާ ވިދާޅުވީ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގައި ހާޒިރުގައި ރޭ އިދިކޮޅުން ބޭއްވި މުޒާހަރާއަކީ އެއްވެ އުޅުމާއި ވާހަކަ ދެއްކުމުގެ މިނިވަންކަން ފަދަ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތައް މި ވެރިކަމުގައި ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމަށެވެ. އަދި ރައިސް ޑރ. މުޢިއްޒުގެ ސިޔާސަތަކީ ރައީސްގެ ސިޔާސަތަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކޮށް ކަށަވަރުކުރުން ކަމަށްވެސް ހީނާ ވިދާޅުވިއެވެ. "ފުދިއްޖެ ފުނޑިއްޖެ" ގެ ނަމުގައި އެމްޑީޕީން ރޭ 8:00 ގައި އާޓިފިޝަލް ބީޗު ސަރަހައްދުން ފެށި ހިނގާލުން ކުރިއަށް ދިޔައީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގުގައެވެ. މި ހިނގާލުމުގެ ބައިވެރިން ވަނީ ސަރުކާރާ ދެކޮޅަށް އެކި ޝިޢާރުތައް ފާޅުކޮށް އަޑުއުފުލައިފައެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޑރ. މުޢިއްޒާއި ސަރުކާރުގެ ބައެއް ވަޒީރުންގެ އިސްތިޢުފާއަށްވެސް ގޮވާލައިފައެވެ. އެމްޑީޕީން އިންތިޒާމުކޮށްގެން ބޭއްވި މި ހިނގާލުމުގައި އެ ޕާޓީގެ ރައީސް، ޢަބްދުﷲ ޝާހިދާއި، ޗެއަރޕަރސަން އަލްއުސްތާޛް ފައްޔާޟް އިސްމާޢީލާއި، މާލޭ ސިޓީގެ މޭޔަރ، އާދަމް ޢާޒިމާއި، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމާއި، ކުރީ ސަރުކާރުގެ ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން މަޖިލީހުގެ މިހާރުގެ ބައެއް އެމްޑީޕީ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރޭގެ މި ހިނގާލުން ހުއްޓުވުމަށް ފުލުހުންނާއި ސިފައިން އެއްވެސް މަސައްކަތެއް ކޮށްފައިނުވާއިރު، މިއީ މީގެ ކުރިން ފެނިފައިވާ މަންޒަރެއް ނޫން ކަމަށް ބުނެ ގިނަ ފަރާތްތަކުން ވަނީ ސަރުކާރަށް ތަޢުރީފުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު