Thursday, November 19
ބާޒާރުގައި އުޅޭ މަކިޓާ ބްރޭންޑުގެ ނަކަލު އުފެއްދުންތަކަށް ސަމާލުވާން އެދެފި

ބާޒާރުގައި އުޅޭ މަކިޓާ ބްރޭންޑުގެ ނަކަލު އުފެއްދުންތަކަށް ސަމާލުވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިލްތިމާސްކޮށްފިއެވެ.

އެސްޓީއޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި އެ ކުންފުންޏަކީ މަކިޓާ ބްރޭންޑުގެ އުފެއްދުންތަކުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރު ކަމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ފެންވަރު ރަނގަޅު އޮރިޖިނަލް އުފެއްދުންތައް ރާއްޖެ އެތެރެކޮށް ފޯރުކޮށްދެމުން އަންނަތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށެވެ.

މީގެ އިތުރުން، މަކިޓާ ބްރޭންޑުގެ އުފެއްދުންތައް އެކި ގޮތްގޮތަށް ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވެފައިވާއިރު، ބާޒާރުގައި ފޭކު އުފެއްދުންތައް ދައުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ. މިގޮތަށް ދައުރުވަމުންދާ އަސްލު ނޫން އުފެއްދުންތަކަކީ ކަސްޓަމަރުންނަށް އޭގެ ބޭނުން އެދެވޭ ގޮތުގައި ހިފޭނެކަމުގެ ޔަޤީންކަން ނެތް، ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއް ނެތް އުފެއްދުންތަކެއް ކަމަށްވާތީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް، އުފެއްދުންތައް ގަތުމުގެ ކުރިން އެއީ އޮރިޖިނަލް އެއްޗެއްތޯ ކަށަވަރުކުރުމަށްފަހު ނޫނީ ނުގަތުމަށް އެސްޓިއޯ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، އެސްޓީއޯގެ އައުޓްލެޓްތަކުންނާއި އެ ކުންފުނިން ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް މަކިޓާ ބްރޭންޑުގެ އޮރިޖިނަލް އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާއިރު، މަކިޓާ ބްރޭންޑުގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށް އެސްޓީއޯ ސަރވިސް ސެންޓަރުން އާފްޓަރ ސޭލްސް ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިން ނުވަތަ އެސްޓީއޯގެ ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ބަލައިގަންނަ އުފެއްދުންތަކަށް އެކަނި ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެހެންކަމުން، މަކިޓާ ބްރޭންޑުގެ ނަކަލު އުފެއްދުންތަކާމެދު ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފައިވެއެވެ. އަދި މަކިޓާ ބްރޭންޑުގެ އުފެއްދުންތަކުގެ އަސްލުކަން ކަށަވަރުކުރުމަށް އެހީތެރިކަމެއް ބޭނުންވާނަމަ އެސްޓީއޯ މަކިޓާ ޝޯރޫމަށް ވަޑައިގަތުމަށްވެސް އެސްޓީއޯ އިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ހާދީ - 2025-01-31T19:29:28

    އަސްލު ދެނެގަންނަން ކުރަން ޖެހޭ މަސައްކތް ހާދަބޮޑޭ. ތި ނިއްސް ލެޓާގަ އޮރިޖިނަލް ވަކިވާނެ ގޮތް ކިޔާ ދޭންޖެހޭ. ހިނި އައްނަނީ