Saturday, October 31
މިނިސްޓަރުގެ މަގާމު އަދާކުރީ އިޚުލާސްތެރިކަމާއި ތެދުވެރިވެކަމާއެކު: ފައިޞަލް

ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން ގައުމަށް ޚިދުމަތްކުރެއްވީ ޝައުގުވެރިކަމާއި، އިޚުލާސްތެރިކަމާއި، ތެދުވެރިވެ ހުންނަވައިގެން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު މިނިސްޓަރުގެ މަގާމުން ވަކިކުރެއްވި ފައިޞަލް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން ގައުމަށް ޚިދުމަތްކުރެއްވުމުގެ ފުރުސަތު އޭނާއަށް ދެއްވުމަކީ ލިބިވަޑައިގެންނެވި ނުހަނު މަތިވެރި އުފަލަކާއި ޝަރަފެއް ކަމަށެވެ. އަދި އެކަމަށް ޝުކުރުވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

'"ދިވެހި ގައުމަށާއި ދިވެހިރާއްޖޭގެ ޓޫރިޒަމަށް ޚިދުމަތް ކުރާން އަޅުގަނޑަށް ފުރުސަތު ދެއްވިކަމަށްޓަކައި އިޚުލާސްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރަމެވެ."'

މީގެއިތުރުން ފައިޞަލް ވިދާޅުވީ ރައީސް ޑރ. މުޢިއްޒު، އޭނާއާ ހަވާލުކުރެއްވި މަސައްކަތް އަދާކުރައްވައިފައިވާނީ ޝައުގުވެރިކަމާއި، އިޚުލާސްތެރިކަމާއި، ތެދުވެރިވެ ހުންނަވައިގެން ކަމަށެވެ.

'"އަޅުގަނޑާ ހަވާލުކުރެއްވި ޓޫރިޒަމްގެ އަމާޒުތަކަށް ވާސިލުވުމަށް މަސައްކަތްކޮށްފައިވާނީ ދިވެހި ރައްޔިތުންނާ ގާތުންނެވެ. ބަދަލުވަމުންދާ ދުނިޔޭގެ ފަތުރުވެރިކަމަށް ބަލައިގެންނެވެ."'

މިނިސްޓަރުކަމުގައި ހުންނެވިއިރު ރައްޔިތުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވިކަން ފާހަގަކުރައްވައި، ފައިޞަލް ވިދާޅުވީ ޚިދުމަތްކުރެއްވުމުގައި ކުރިއަށް ވަޑައިގެންނެވީ އެ ފާޑުކިޔުންތައް ބަލައިގަނެގެން ކަމަށެެވެ. އަދި އެ ފާޑުކިޔުންތަކަކީ ކުރިއަށް ވަޑައިގަންނަވަން ލިބިވަޑައިގެންނެވި ހިތްވަރެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައިޞަލްގެ ބަޔާނުގައި ވަނީ އޭނާ މަގާމުގައި ހުންނެވިއިރު، ރައީސް ޑރ. މުޢިއްޒާއި، މިނިސްޓަރުންނާއި، ސިޔާސީ މުވައްޒަފުންނާއި، ސިވިލް ސަރވިސް މުވައްޒަފުން ދެއްވި އެއްބާރުލުން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ.

މީގެއިތުރުން މަޓީއާއި، މަޓާޓޯއާއި، ގެސްޓުހައުސް އެސޯސިއޭޝަނާއި، އެމްއެމްޕީއާރްސީއާއި، ރައީސްގެ އެޑްވައިޒަރުންނަށް ވެސް ފައިޞަލް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓު

  1. ނަންއިއްބެ - 2025-01-31T09:36:07

    ނާޖާއިޒުފައިދާނެގުމުގެސަބަބުން އަދުރޭވެސް އިޒުރޭލުގެތާކިހާ ވަޒީރުހެން ގޮވަނީތަ

  2. އަލީ - 2025-01-31T02:45:21

    އިޚްލާސްތެރިކަން ނުވަތަ ނޫންކަން ދަންނަވާކަށް ނޭނގޭ . ހަމަ ގައިމުވެސް ކޮންމެވެސް ބޮޑުކަމެެއް ހިނގައިފި. އެހެން މި ދެންނެވީ ތިޔަބޭފުޅުން ކުރައްވަމުން ތިޔަ ވަޑައިގަތް ދަތުރަށް ބަލާއިރު ރައީސް މުޢިއްޒު ފައިޞަލާމެދު ޒާތީގޮތްކޮޅެއް ގެންގުޅުއްވާނެ ކަމަށް ނުބެލެވޭތީ. އަދި ފައިސަލަށާއި ފައިސަލުގެ ބައްޕާފުޅަށްވެސް ދެރައެއް ދެއްވަން ބޭނުންފުޅު ވާނެހެން ހީ ނުވާތީ. އެއީ އެ މަނިކުފާނުގެ ޠަބީޢަތްފުޅެއް ވެސް ނޫންކަމަށް ފެންނާތީ. ޝައްކެއް ވެސް ނެތި ރައީސް މުޢިއްޒަކީ ހަރުވާން ވެއްޖެ ތަނެއްގައި އަލިމަހަށްވުރެ ހިތްޕުޅު ހަރު، މަޑުވާން ވެއްޖެ ތަނެއްގައި ކަފަކޮޅަކަށްވުރެ ހިތްޕުޅު މަޑު ބޭފުޅެއް. އޯގާތެރި ހިތްޕުޅު ތިރި އެކަމަކު ކެރުންތެރި ބޭފުޅެއް. ތިޔަ ވިދާޅުވި އެއްޗެއްގެ ދޮގުތެދު އެނގޭނީ ދެ ފަރާތުގެ އަޑުވެސް އިވިގެން. އަދި އެހެން ތަންކޮޅެއް ވެސް އެބައޮތް. އިޚްލާސްތެރިކަމާއި ތެދުވެރިކަން އޮތަސް ގާބިލުކަމުގެ ފަންވަރާއި ފެންވަރުވެސް އެއީ ވިސްނާލަންޖެހޭ ނުކުތާއެއް.