Saturday, October 31
ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތައް މި ސަރުކާރުން ފުރިހަމަކަމާއެކު ފޯރުކޮށްދޭނެ: ރައީސް

ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތައް މި ސަރުކާރުން ފުރިހަމަކަމާއެކު ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު މި ޔަގީންކަން ދެއްވީ މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯރަށްފުށްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މި ގައުމުގައި ކޮންމެ ރައްޔިތަކަށް ވެސް ގާނޫނުއަސާސީން ލިބިދޭ ހުރިހާ ހައްގުތަކެއް ފުރިހަމަ ގޮތުގައި މި ސަރުކާރުން ފުރިހަމަ ޔަގީންކަމާ އެކީގައި ފޯރުކޮށްދޭނެ ކަމަށެވެ.

''އެއްވެސް ރައްޔިތަކަށް މަނައެއްނުވާނެ، ގާނޫނުއަސާސީގައިވާ އެއްވެސް ހައްގެއް އެކްސަރސައިޒް ކުރުމަކަށެއް.''

އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީ ނުވަތަ ގާނޫނުން މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް އޮންނާނެ ކަމަށެވެ.

''އެހެންވީމާ އެއާއެކީގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ގާނޫނުއަސާސީން ބޭރުން، ގާނޫނުން ބޭރުން އަޅުގަނޑުމެންގެ ތެރޭގައި ކަންތައްތަކެއް ކުރުމަކީ އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ހައްގެއް ނޫނޭ. އަޅުގަނޑުމެންގެ ތެރޭގައި މި އެކުވެރިކަމާއި، އެއްބައިވަންތަކަން ގާއިމުކުރުމުގެ ޒިންމާއަކީ، އަޅުގަނޑުމެންގެ އަތްމަތީގައި އޮތް، އަޅުގަނޑުމެންގެ ފަރުދީ ޒިންމާއެއް ގޮތުގައި ދެކެންވާނޭ.''

ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ، މިކަން ޔަގީންކުރުން ކަމަށާއި،، ކޮންމެ ރައްޔިތެއްގެ ހައްގުގައި މިކަން ޔަގީންކުރައްވާނެ ކަމަށެވެ. އަދި މި ގައުމުގައި ކޮންމެ ރައްޔިތަކަށް ވެސް ގާނޫނުން ލިބިދޭ ހައްގުތައް ފުރިހަމަގޮތުގައި އޮންނާނެ ކަމަށާއި، މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ ހައްގު އޮންނާނެ ކަމަށާއި، ނަމަވެސް އެއިން ބޭރުން ކުރާ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

''އެއިން ބޭރުން ގައުމުގައި ހަމަޖެހުން އޮތް އޮތުން ނަގާލަން މަސައްކަތްކޮށް، އަޅުގަނޑުމެންގެ ތަރައްގީއަށް ހުރަސްއެޅުން، އަޅުގަނޑުމެންގެ މުސްތަގުބަލަށް ހުރަސްއެޅުމަކީ އެއްވެސް މީހަކަށް އޮންނާނެ ހައްގެއް ނޫން. އެހެންވީމާ މިކަމުގައި ކުރިއަށްދިޔުމުގައި އަޅުގަނޑުގެ ޒިންމާ އަޅުގަނޑު އަދާކުރާނަން.''

ރައީސް ވަނީ މި ގައުމަކީ ރައްޔިތުން އެދޭފަދަ ގޮތަށް އެކުވެރިކަމާއި، ހަމަޖެހުމާ އެކީގައި ތަރައްގީގެ މިސްރާބުގައި ކުރިއަށްދާ ގައުމެއްކަން ޔަގީންކުރުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު