އާދިއްތަ, November 29
ޕީޕީއެމްވެސް އުވާލައި ދަފްތަރުން އުނިކޮށްފި

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާތީ، 2025 ޖަނަވަރީ 30 ވަނަ ދުވަހުން ފެށިގެން ޕީޕީއެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.

ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުން ނިންމީ ޕީއެންސީ އޮފީހުގައި މިދިޔަ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހު ބޭއްވި ސެނެޓް ބައްދަލުވުމުގައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފުތަރުގައިވާ ގޮތުން، ރާއްޖޭގެ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ ކަމަށްވާ ޕީޕީއެމް އުފެދުނީ 27 އޮކްޓޯބަރު 2011 ގައި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ މޭސްތިރިކަމުގެ ދަށުންނެވެ.

އެ ޕާޓީ އުފެދުނުތާ ހަތަރުމަސް ދުވަހުގެ ތެރޭގައިވަނީ ރާއްޖޭގައި ވެރިކަންކުރާ ކޯލިޝަނާ ގުޅުމުގެ ފަޚުރު ހާސިލުކޮށްފައެވެ.  އެގޮތުން ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ޒައާމަތުގައި ޕީޕީއެމްއަކީ ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ބައިވެރިޔާއެވެ.

އޭގެފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. އަދި ޖެހިގެން އައި އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި އެ ޕާޓީން ވަނީ މެޖޯރިޓީ ހޯދައިފައެވެ.

ޕީއެންސީގެ ތާރީޚަށް ބަލާއިރު، އެ ޕާޓީއަކީ ޔާމީންގެ ޒައާމަތުގައި ބޭބޭފުޅު މައުމޫނާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން މައުމޫން ޕާޓީން ވަކިކުރަން ނިންމި އިޖުރާއަތާ ދެކޮޅަށް ޕާޓީގެ މެންބަރަކު ކޯޓަށް މައްސަލަ ހުށަހެޅުމުން ޔާމީންގެ ބެކަޕް ޕާޓީއެއްގެ ގޮތުގައި އުފެއްދި ޕާޓީއެކެވެ. އެގޮތުން ޕީއެންސީ ރަޖިސްޓްރީ ކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީ 13 ގައެވެ.

ޕީއެންސީގެ ފުރަތަމަ ރައީސަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. 2019 އިން ފެށިގެން ޕީއެންސީން މަސައްކަތް ކުރަމުން އައީ ޕީޕީއެމްއާއެކު ހެދި ކޯލިޝަނުގެ ދަށުންނެވެ.

މިދިޔަ ރިޔާސީ އިންތިޚާބަށް ޕީއެންސީއިން ކެންޑިޑޭޓަކު ނެރެން ޖެހުނީ ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލެއްވި ޔާމީން ޢަބްދުލްޤައްޔޫމަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު