Saturday, October 31
ރައްޔިތުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއް: ރައީސް

ރައްޔިތުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމީ އަދުގެ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށާއި، މޮޅަދޫގައިވެސް ފުރިހަމަ ފެންވަރެއްގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ތަރައްޤީ ކުރައްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހއ. މޮޅަދޫ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގައި ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ މަސައްކަތްތައްވެސް ކޮށްދެއްވާނެ ކަމަވެ.

މީގެ އިތުރުން، އެންމެ ބޮޑު ރަށުގެ ތަރައްޤީއަށް ހިންގޭ މަޝްރޫޢުތަކެކޭ އެއްގޮތަށް، މޮޅަދޫގެ ތަރައްޤީއަށް ހިންގޭ މަޝްރޫޢު ތަކަކީވެސް އެ މަނިކުފާނަށް މުހިންމު ކަންތައްތަކެއް ކަމަށާ، އެހެން ހުރިހާ ރަށްތަކެކޭ އެއްފަދައިން ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ކަންކަމުގައި އިސްކަން ދެއްވައިގެން، ހަމަހަމަކަމާއި އިންސާފާއެކު، ބާރު ދުވެލީގައި އެ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ އެ ރަށު ރައްޔިތުންނަށް ދެއްވައިފައެވެ.

ރައީސް ވިދާޅުވީ، މޮޅަދޫއަކީ ލޯކަލް ޓޫރިޒަމް ތަރައްޤީ ކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް ރަށެއް ކަމަށާއި، މޮޅަދޫ ކައުންސިލުން ލޯކަލް ޓުއަރިޒަމްގެ މަޝްރޫޢުތަކަށް ބިން ދޫކުރަން ކަނޑައަޅާފައިވާ ސަރަޙައްދަށް ބޭނުންވާ ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތައް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި ރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް މީގެ ކުރިން ފެށި މަޝްރޫޢުގެ ތެރެއިން ސީދާ ގޮތެއްގައި އެކަން ކުރުމަށް ދަތިތަކެއް ހުރި އިރު، ވަކި ތަރުތީބަކުން އެ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގެ މަސައްކަތް، ކަމާބެހޭ ފަރާތްތަކާއެކު ކުރިއަށް ގެންގޮސްދެއްވައި އެކަމަށް ޢަމަލީ ސިފަ ގެނެސްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ. މޮޅަދޫއަށް ބޭނުންވާ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް، މީގެ ކުރިން ފެށި މަސައްކަތް، ރާއްޖޭގެ ބައެއް އެހެން ރަށްތަތެކެކޭ އެއްފަދައިން ހުއްޓިފައި އޮތް އޮތުމަށް ނިމުން ގެނެސްދެއްވައި، އެކަމަށްވެސް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށާއި، ހުއްޓިފައި އޮތް ކުނި މެނޭޖު ކުރުމުގެ މައްސަލައަށްވެސް ހައްލު ހޯއްދަވައި ދެއްވައި، މޮޅަދޫގައި ޒަމާނީ ކުނި ކޮއްޓެއް ތަރައްޤީ ކުރައްވާނެ ކަމަށެވެ.

އަދި ޢަދަދުގެ ގޮތުން އާބާދީ ކުޑަކަމުގައި ވީ ނަމަވެސް، ފުރިހަމަ ގޮތުގައި ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތަކީ ދަރިވަރުންނަށް އޮތް ޙައްޤެއް ކަމުގައި އިޝާރާތް ކުރައްވަމުން ރައީސް ވަނީ، އެ ރަށުގެ ތަޢުލީމީ ދާއިރާއަށް އެކި ގޮތްގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ހުރަސްތަކަށް ޙައްލު ހޯއްދަވައިދެއްވައި، ރަށުގެ ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ ދަތިތަކާ ހުރަސްތަކަށްވެސް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވައިފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް.) ފެރީ ނިޒާމުގެ ކަންކަން އަވަސް ފުރުޞަތެއްގައި ހަމަޖަސަވައިދެއްވައި، ފެރީ ޓާރމިނަލް ކައުންސިލާ ޙަވާލުކުރައްވާނެ ކަމަށެވެ.

އަދި ހއ. މޮޅަދޫއަކީ ބިންބޮޑު ރަށަކަށް ވާއިރު، ގޯތި ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކޮށްދެއްވުމަށްވެސް އެމަނިކުފާނު ވަނީ ރަށު ކައުންސިލަށް ގޮވާލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު