Saturday, October 31
އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ސަބަބުން 150 ވަޒީފާ އުފެދޭނެ: ރައީސް

ހއ. އިހަވަންދޫގައި އިމާރާތްކުރާ ފިޝަރީޒް ކޮމްޕްލެކްސް ތަރައްގީކޮށް ނިމި އެތަން ހިނގައިގަތުމުން އިހަވަންދޫގައި 150 ވަޒީފާ އުފެދިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިއަދު ބިންގާ އެޅިގެންދިޔަ ފިޝަރީޒް ކޮމްޕްލެކްސްގެ މަޝްރޫއުއަކީ މަސްވެރިކަމުގެ ސިނާއަތުގެ ކުރިމަގަށް މުހިންމު މަސައްކަތެއް ކަމަށާއި، ފިޝަރީޒް ކޮމްޕްލެކްސް ތަރައްގީކޮށް ނިމި އެތަން ހިނގައިގަތުމުން އިހަވަންދޫގައި 150 ވަޒީފާ އުފެދިގެންދާނެ ކަމަށެވެ. އަދި
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީވެގެންދާނޭ ކަމަށެވެ.

މި އަހަރުގެ މެއި މަހު އަމަލީ މަސައްކަތް ފެށޭނެކަން ފާހަގަކުރައްވައި، ރައީސް ވަނީ 18 މަސްދުވަހުގެ ތެރޭގައި މުޅި މަޝްރޫއު ނިންމޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

474 މިލިއަން ރުފިޔާ ޚަރަދުވެގެންދާނެ މި މަޝްރޫއުއަކީ ދިވެހިންގެ ފުދުންތެރިކަމަށާއި ތަރައްގީއަށް ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫއުއެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

އިހަވަންދޫގައި ފިޝަރީޒް ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގެ އެހީތެރިކަމާއެކުއެވެ.

މި ފިޝަރީޒް ކޮމްޕްލެކްސްގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ކޮމްޕްލެކްސްއަށް ޚާއްސަކޮށް އިންޖީނުގެއަކާއި، ގުދަނަކާއި، ވެހިކަލް ވޯކްޝޮޕަކާއި، އޮފީސް އިމާރާތެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި 7 މީޓަރު ފުންމިނުގެ 1000 މީޓަރުގެ ދިގު މަގަތު ފާލަމަކާއި، 4.5 މީޓަރުގެ ފުންމިނުގެ ބަނދަރެއް ( 3 ޕޮއިންޓުން މަސް ކިރޭ ޖެޓީއަކާއެކު) ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު