ހއ. އިހަވަންދޫގެ ހޮސްޕިޓަލު އިމާރަތްކުރުމަށާއި، ހުރަވީ ފުޓްބޯޅަ ދަނޑު ތަރައްގީކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުތައް އާރްޑީސީއާ ހަވާލުކުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު އިހަވަންދޫގައި ބޭއްވި ޖަލްސާގައެވެ.
ހޮސްޕިޓަލު އިމާރަތްކުރުމުގެ އެއްބަސްވުމުގައި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ނާޒިމެވެ. ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މި ދެ އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރެވެ.
ރައީސް ޑރ. މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި މި ރަސްމިއްޔާތުގައި ވަނީ އިހަވަންދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ ޚިދުމަތާއި، ޕާސްޕޯޓުގެ ޚިދުމަތް ތައާރަފުކޮށްފައެވެ.
މީގެއިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުން އިހަވަންދޫގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ރަސްމީ ގޮތުން ރަށު ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ.
ރައީސް ޑރ. މުޢިއްޒު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން ވަނީ އިހަވަންދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތާއި، އައު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ލިޔުން ކިޔާލުމުން