Saturday, October 31
މާރަންދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދައިދޭނަން: ރައީސް

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު މާރަންދޫ ކައުންސިލާ ބައްދަލުކުރެއްވީ މިއަދު މެންދުރު މާރަންދޫ ފެނަކަ އޮފީހުގައެވެ.

މި ބައްދަލުވުމުގައި މާރަންދޫ ކައުންސިލުން ވަނީ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާކަން ފާހަގަކުރައްވައި، ބަނދަރު އެކްސްޓެންޝަން މަޝްރޫއު މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިލައްވައިފައެވެ.

މީގެއިތުރުން ރަށުގެ ކުނި މެނޭޖުކުރުމުގައި ހުރި ދަތިތަކާއި، ރަށުގެ ކަރަންޓުގެ ހާލަތު ރައީސާ ހިއްސާކުރެއްވިއެވެ. އަދި ރަށުގެ ސިއްހީ މަރުކަޒު ލެވެލް 2 ގެ ފެސިލިޓީއެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ މުވައްޒަފުންނާއި، ވަސީލަތްތައް ގާއިމުކޮށްދެއްވުމަށާއި، ރަށުގެ ބޮޑު މިސްކިތުގައި ސޯލާ ޕެނަލް ޖެހުމަށް އެހީތެރިވެދިނުމަށް އެދިލެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ރައީސްގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާރަންދޫގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލުގެ މެންބަރުންނާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މާރަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު