Saturday, October 31
ރައީސް ޑރ.މުޢިއްޒު ތަކަންދޫ ކައުންސިލުގެ ކަންބޮޑުވުންތައް އަޑުއައްސަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހއ. ތަކަންދޫ ކައުންސިލާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ ރައީސް ޑރ. މުޢިއްޒު ހއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ހެނދުނު މަދަރުސަތުލް ޝަހީދު ޢަލީ ތަކުރުފާނުގައި ބޭއްވި މި ބައްދަލުވުމުގައި ކައުންސިލުގެ ފަރާތުން ވަނީ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތައް ރައީސާ ހިއްސާކުރައްވާފައެވެ.

ކައުންސިލުން ހިއްސާކުރެއްވި ކަންކަން:

  • ރަށުގައި ހުރި އާސާރީ ތަންތަން ރައްކާތެރިކުރުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވި.
  • ފެނާއި ނަރުދަމާގެ ޚިދުމަތް އަވަހަށް ލިބުމަށް އެދޭކަން ފާހަގަކުރެއްވި.
  • ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާކަން ފާހަގަކުރެއްވި.
  • ލަފާ ފުރުމުގެ ދަތިކަން ހައްލުކުރުމަށް ބަނދަރުގެ މަޝްރޫއު ފުރިހަމަކޮށްދިނުމަށް އެދިލެއްވި.

މީގެއިތުރުން ކައުންސިލުން ވަނީ ރަށަށް އާމްދަނީ ހޯދުމަށް ރަށުގެ އިޚުތިސާސްގައި ރަށެއް ހިމަނައިދެއްވުމަށް އެދިލައްވައިފައެވެ. އަދި ހަމައެއާއެކު ގެދޮރުވެރިކަމުގެ ކަންބޮޑުވުންތައް ވެސް ރައީސާ ހިއްސާކުރައްވައިފައެވެ.

ކައުންސިލުގެ ކަންބޮޑުވުންތައް އަޑުއައްސަވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުފުޅުގައި ހިމެނޭ ކަންކަން ކޮށްދެއްވުމަށާއި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ތަކަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ، އެ ރަށުގެ މުވައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެލެއްވިއެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ވަޒީރުންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު