Saturday, October 31
ތަކަންދޫއަކީ ދިވެހި ޤައުމިއްޔަތު ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ރަށެއް: ރައީސް

ތަކަންދޫއަކީ ދިވެހި ޤައުމިއްޔަތު ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ރަށެއް ކަމަށާއި، އެ ރަށަކީ ޤައުމީ ވިސްނުމެއްގައި ސަމާލުކަންދޭންޖެހޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ސިޔާސަތުގައި ކަނޑައަޅާފައިވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އާބާދީގެ ގޮތުން މީހުން މަދުނަމަވެސް ތަރައްޤީގެ ގޮތުން ތަކަންދޫ ކުރިއަށްގެންދާނީ ޤައުމުގެ ތާރީޚު ހިމާޔަތްކުރުމުގެ ސިޔާސަތުގެ ތެރެއިން ވަރަށް މުހިންމު އިސްކަމެއް ދީގެން ކަމަށެވެ.

މިގޮތުން ރައްޔިތުން ބޭނުންވާގޮތަށް ތަކަންދޫ ބަނދަރުގެ މަޝްރޫޢު ހިނގާފައިނުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުން އެދޭގޮތަށް ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށާއި، ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ބަނދަރު އެއްކޮށް ނިމިގެންދާއިރު ރަށް ގިރުމުގެ މައްސަލައަށްވެސް ޙައްލެއް ލިބިގެންދާނެ ގޮތަށް ކަމަށެވެ.

މީގެ އިތުރުން، އިއްޔެ އުތީމުގައި އިޢުލާންކުރެއްވި ޤައުމިއްޔަތު އިޢާދަކުރުމާއި ފުޅާކުރުމާއި، ދަރިންނަށް ކިޔަވައިދިނުމާއި އަދި ކުރިއަށްއޮތް މުސްތަޤުބަލަށް ޤައުމިއްޔަތު ރައްކާތެރިކުރުމުގެ ޚާއްޞަ މަޝްރޫޢެއްގެ ގޮތުގައި ޖެހިޖެހިގެން ދެ އަހަރު ޤައުމީ ދުވަސް ފާހަގަކުރުން ހިމަނައިގެން ކުރިއަށް ގެންދަން ނިންމާފައި އޮތް މަޝްރޫޢުގެ ތެރޭގައި، ތަކަންދޫ އަދި ބާރަށް ހިމެނެއްވުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ތަކަންދޫ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަތައް ހޯދައިދިނުމަށް މި އަންނަ ރަމަޟާން މަހުގެ ކުރިން މަތިބިތުން ދަތުރުކުރާ އާރް.ޓީ.އެލް ފެރީ ތަކަންދޫއަށާއި މާރަންދޫއަށް މަޑުކޮށްފައި ދާގޮތަށް ހަމަޖެހިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު