އެމްޑީޕީއަކީ އެއްވެސް އިރެއްގައި ޤައުމުގެ މަސްލަޙަތު އިސްކޮށްގެން ވެރިކަމަށް ފައިނަގާ ޕާޓީއެއް ނޫން ކަމުގައި ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޑރ. ޚަލީލް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމްޑީޕީއަކީ އެއްވެސް އިރެއްގައި ގައުމުގެ މަސްލަޙަތު އިސްކޮށްގެން ވެރިކަމަށް ފައިނަގާ ޕާޓީއެއް ނޫން. ގައުމީ ސަލާމާއި ގައުމީ ދިދަ ފަދަ ގައުމިއްޔަތު ރަމްޒުކޮށްދޭ ކަންކަމަށް އެމްޑީޕީގެ ސިޔާސަތު ގައި އިސްކަމެއް ނުދޭ ތަން އެބައިމީހުންގެ ވެރިކަމުން ވެސް ރައްޔިތުންނަށް ފެނުނީ!…
— Abdulla Khaleel (@abkhaleel) January 28, 2025
މި ޕޯސްޓުގައި ޑރ. ޚަލީލް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުންވެސް ފެނިގެންދިޔައީ ޤައުމީ ސަލާމަތާއި ޤައުމީ ދިދަ ފަދަ ޤައުމިއްޔަތު ރަމްޒުކޮށްދޭ އެމްޑީޕީގެ ސިޔާސަތުގައި އިސްކަމެއް ނުދޭ ތަން ކަމަށެވެ.
ޑރ. ޚަލީލް މިހެން ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ރޭ ހއ. ދިއްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު، ޤައުމީ ސަލާމް ކިޔަމުން ދިޔަ ވަގުތު އެމްޑީޕީގެ ސަޕޯޓަރުންތަކެއް އަޑުގަދަކޮށް އައުގުރާނަ ގޮވުމާ ގުޅިގެންނެވެ. ރޭ ބޭއްވި މި ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދެއްކެވި އިރުވެސް އެމްޑީޕީން އަޑުގަދަކުރި ނަމަވެސް، އެ ޕާޓީގެ ސަޕޯޓަރުން ހުއްޓުވުމުގެ މަސައްކަތް ފުލުހުން ކޮށްފައި ނުވެއެވެ. އަދި ޖަލްސާއަށް ފަހު ޤައުމީ ސަލާމް ކިޔަމުންދިޔަ ގަޑީގައި އެމްޑީޕީން އަޑުގަދަކުރުމުން އެ ޕާޓީ އަށް ތާއީދުކުރާ ބައެއް ފަރާތްތަކުންވެސް ވަނީ އެކަމާ ނުރުހުންތެރިކަން ފާޅުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ދިއްދޫއަށް ވަޑައިގަތުމުގެ ކުރިން، އެމަނިކުފާނާ ދެކޮޅަށް ދިއްދޫގައި ވަނީ ބެނާތަކެއްވެސް ދަމައިފައެވެ. ނަމަވެސް ހޯމަ ދުވަހުގެ ރޭ ދެމި އެ ބެނާތައް ބަޔަކު މީހުން ވަނީ ކަނޑާލައިފައެވެ.
މި ބެނާތައް ދެމީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނެވެ. ދިއްދޫގައި ދެމި ބައެއް ބެނާތަކަކީ އިޖުތިމާޢީ މިންގަޑުތަކަށް ނުފެތޭ ބަހުރުވަ ބޭނުންކޮށްފައި ހުރި ތަކެތި ކަމުން، އެ ބެނާތައް ނެގުމަށް ފުލުހުން ވަނީ އަންގައިފައެވެ.
މި ސަރުކާރުން ދިއްދޫގެ ތަރައްޤީއަށް ވެފައިވާ ވަޢުދުތައް ފުއްދާފައި ނުވާ ކަމުގެ ޝަކުވާތައް އެ ރަށު ބައެއް ރައްޔިތުން ދަނީ ކުރަމުންނެވެ. އެހެންނަމަވެސް، ރޭ ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދިއްދޫގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
މިގޮތުން ރޭ ދިއްދޫގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އަދުގެ ސަރުކާރުން ގެންގުޅޭ ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި، ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، މާތް ﷲގެ އިރާދަފުޅާއެކު އެކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
މީގެ އިތުރުން ރައީސް ވަނީ އަދުގެ ސަރުކާރަކީ ނަތީޖާ ނެރެދޭނެ ސަރުކާރެއް ކަމުގައި ވިދާޅުވެ، ގުޅިލާމެހިފައިވާ، ވަށާޖެހޭ ތަރައްޤީ، ރަށަށް ގެނެސްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ހއ. ދިއްދޫގެ ބަނދަރުގެ މައްސަލައަށް ޙައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ބޯހިޔާވަހިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިންވެސް މަޝްރޫޢުތައް ހިންގަވައިދެއްވާނެ ކަމަށާއި، ދިއްދޫގައި ކުނިމެނޭޖު ކުރުމުގެ ކަންކަން، ވެމްކޯގެ ދަށުން، މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ހަމަޖެހިގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، ބައިނަލްއަޤުވާމީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭގައި ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި، ދިއްދޫގެ ހޮސްޕިޓަލުގެ ތަރައްޤީއަށްޓަކައިވެސް މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިއްދޫގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަކީ ސަރަޙައްދީ ތަރައްޤީއާ ގުޅިފައިވާ ކަމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން