Wednesday, November 18
އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ދިއްދޫގައި ދެމި ބެނާތައް ބަޔަކު ކަނޑާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ދިއްދޫއަށް ވަޑައިގަތުމުގެ ކުރިން، އެމަނިކުފާނާ ދެކޮޅަށް ބައެއް ރައްޔިތުން ޝުޢޫރު ފާޅުކޮށް ރޭ ދެމި ބެނާތައް ބަޔަކު ކަނޑާލައިފިއެވެ.

މި ބެނާތައް ދެމީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނެވެ. ދިއްދޫގައި ދެމި ބައެއް ބެނާތަކަކީ އިޖުތިމާޢީ މިންގަޑުތަކަށް ނުފެތޭ ބަހުރުވަ ބޭނުންކޮށްފައި ހުރި ތަކެތި ކަމުން، އެ ބެނާތައް ނެގުމަށް ފުލުހުން ވަނީ އިއްޔެ އަންގައިފައެވެ.

މި ސަރުކާރުން ދިއްދޫގެ ތަރައްޤީއަށް ވެފައިވާ ވަޢުދުތައް ފުއްދާފައި ނުވާ ކަމުގެ ޝަކުވާތައް އެ ރަށު ބައެއް ރައްޔިތުން ދަނީ ކުރަމުންނެވެ.

ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފުރާވަޑައިގެންނެވީ މިއަދު ހެނދުނެވެ.

މި ދަތުރުފުޅުގައި އެ އަތޮޅުގެ 10 ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ދިއްދޫ ވެސް ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު