Saturday, October 31
ތަރާވީޙް ނަމާދު ކުރަން ހާފިޒުން ގެނައުމަށް ވީޒާ ދޫކުރުމުގެ އުސޫލުތައް އާންމުކޮށްފި

މި އަހަރުގެ ރަމަޟާންމަހު، ރާއްޖޭގެ މިސްކިތްތަކުގައި ތަރާވީޙް ނަމާދު އިމާމުވެ ކުރެއްވުމަށް ރާއްޖެއިން ބޭރުގެ ހާފިޒުންނާއި ގާރީން ގެނައުމަށް ވީޒާ ދޫކުރުމުގެ އުސޫލުތައް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އާންމުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހު، ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދު އިމާމުވެ ކުރެއްވުމަށް، ރާއްޖެއިން ބޭރުގެ ހާފިޒުން އަދި ގާރީން ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހުއްދަ ދެއްވާފައިވާ ފަރާތްތަކަށް، ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އަދި މި ފަރާތްތަކުން ގެންނަން ބޭނުންފުޅުވާ ހާފިޒުން އަދި ގާރީންގެ ވީޒާއަށް އެދި ހުށަހެޅުއްވުމުން، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވެ، އެޕްރޫވަލް ލިބޭ ފަރާތްތަކަށް، ރާއްޖެ އަންނަ ދުވަހުން ފެށިގެން 45 ދުވަހުގެ "ސްޕެޝަލް ވީޒާ" ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖެއިން ބޭރުގެ ހާފިޒުންނާއި ގާރީން ގެނައުމަށް ޝައުގުވެރިވާ ފަރާތްތަކުން، މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް imuga.immigration.gov.mv މެދުވެރިކޮށް 'ސްޕެޝަލް ވީޒާއަށް އެދި “IM22” ފޯމް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މިގޮތުން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވީޒާ ދޫކުރުމާމެދު ނިންމާ ގޮތުގެ މައުލޫމާތު އެޕްލިކޭޝަން ހުށަހަޅުއްވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭގޮތަށް) "އިމުގާ" ޕޯޓަލްއިން އަދާހަމަކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ސްޕެޝަލް ވީޒާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • 1446 ވަނަ އަހަރުގެ ރަމަޟާން މަހު ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ޤުރުއާން ޙިފްޛުކޮށް ތަރާވީޙް ނަމާދު އިމާމުވެ ކުރެއްވުމަށް، ރާއްޖެއިން ބޭރުގެ ހާފިޒުންނާއި ގާރީން ގެނައުމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދޫކުރައްވާފައިވާ ރަސްމީ ހުއްދަ.
  • ސްޕެޝަލް ވީޒާއަށް އެދޭ ފޯމު.
  • ވީޒާއަށް އެދޭ ފަރާތުގެ މައުލޫމާތު ފޯމު.

އިމިގްރޭޝަނުން ބުނީ ބިދޭސީ ފަރާތުގެ "ޕާސްޕޯޓުގެ ޑާޓާ ޕޭޖް" ގެ ސާފު ކުލަ ކޮޕީ ހުށަހަޅާ ޕާސްޕޯޓަކީ މެޝިން ރީޑަބަލް ބާވަތުގެ ޕާސްޕޯޓަކަށް ވާންވާނެ ކަމަށާއި، އެ ޕާސްޕޯޓުގެ މުއްދަތު އިތުރުކުރުމަށްޓަކައި ގަލަމުން އެއްވެސް އެއްޗެއް ލިޔެފައިވާ ޕާސްޕޯޓަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ހުށަހަޅާ ޕާސްޕޯޓުގެ މުއްދަތު ހަމަވުމަށް، މަދުވެގެން 6 މަސްދުވަހުގެ މުއްދަތު ބާކީ އޮންނަންވާނެ ކަމަށާއި، ބިދޭސީ ފަރާތުގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ މި ފޮޓޯ ނަގާފައި ހުންނަންވާނީ މޯލްޑިވްސް އިމިގްރޭޝަންގެ ޕާސްޕޯޓު ފޮޓޯއާބެހޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ސްޕެޝަލް ވީޒާ އެޕްރޫވްވާ ފަރާތްތަކުން ރާއްޖެ އެތެރެވުމަށް އަންނައިރު މޯލްޑިވްސް އިމިގްރޭޝަންގެ އެރައިވަލް ކައުންޓަރަށް ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ސްޕެޝަލް ވީޒާ އެޕްރޫވަލް ހިމެނެއެވެ.

މިފަދަ ފަރާތްތައް ރާއްޖެ އައުމުގެ ކުރިން، މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ އޮންލައިން ޕޯޓަލް މެދުވެރިކޮށް "ޓްރެވަލަރ ޑިކްލަރޭޝަން ފޯމު" ފުރިހަމަކުރެއްވުން ލާޒިމެވެ. މި ފޯމު ފުރިހަމަކުރުފަހު ލިބޭ "ކިއު.އާރު ކޯޑު" މޯލްޑިވްސް އިމިގްރޭޝަނުން އެދިއްޖެ ހިނދެއްގައި، އެރައިވަލް ކައުންޓަރަށް ހުށަހަޅަން ޖެހެއެވެ.

މީގެއިތުރުން އިމިގްރޭޝަނުން ބުނީ ހާފިޒުންނާއި ގާރީންނާއެކު އަންނަ އާއިލާގެ މެންބަރުންނަށް ރާއްޖެ އައުމުގެ ކުރިން އެ މުއައްސަސާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ސްޕޮންސަރޝިޕް ޑެކްލަރޭޝަން ފޯމް ހުށަހަޅައި ދަތުރުކުރުމުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ. އަދި މި ފަރާތްތަކަށް ދޫކުރެވޭނީ 30 ދުވަހުގެ އޮން-އެރައިވަލް ޓޫރިސްޓު ވީޒާއެއް ކަމަށާއި، ނަމަވެސް، އޮން-އެރައިވަލްގައި ދޫކުރެވޭ 30 ދުވަހަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރަން ބޭނުންވާ ފަރާތްތަކުން، ޓޫރިސްޓް ވީޒާގެ މުއްދަތު ހަމަވުމުގެ ރަސްމީ ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް) ޓޫރިސްޓް ވީޒާގެ މުއްދަތު އިތުރުކުރުމާ ގުޅޭ ފޯމު ފުރިހަމަ ކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިއުންތައް ހުށަހަޅަންވާނެ ކަމަށެވެ.

މިފަދަ ފަރާތްތައް ރާއްޖެ އައުމުގެ ކުރިން، މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ އޮންލައިން ޕޯޓަލް މެދުވެރިކޮށް "ޓްރެވަލަރ ޑިކްލަރޭޝަން ފޯމު" ފުރިހަމަކުރުން ލާޒިމެވެ. އަދި މި ފޯމު ފުރިހަމަކުރުމަށްފަހު ލިބޭ "ކިއު.އާރު ކޯޑު" އެ އިދާރާއިން އެދިއްޖެ ހިނދެއްގައި، އެރައިވަލް ކައުންޓަރަށް ހުށަހަޅަން ވެސް ޖެހެއެވެ.

އިމިގްރޭޝަނުން ބުނީ އިސްވެ ބަޔާންކުރެވުނު ފަރާތްތަކުން ރާއްޖޭގައި މަޑުކުރާ މުއްދަތުގައި، އެ ފަރާތްތަކުގެ ވީޒާއާ ގުޅޭ އެންމެހައި ކަންކަން ގަވާއިދާ އެއްގޮތަށް ފުރިހަމަކުރުމަކީ، އެ ފަރާތްތައް ރާއްޖެ ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުއްދަ ދޫކޮށްފައިވާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

މީގެއިތުރުން އެ ފަރާތްތަކަށް ދޫކޮށްފައިވާ ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން، އެ ފަރާތްތައް ދިވެހިރާއްޖެއިން ފުރުވާލުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ވެސް ހުއްދަ ދޫކޮށްފައިވާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

އިމިގްރޭޝަނުން ވަނީ ރާއްޖެއިން ބޭރުގެ ގައުމުތަކުން އަންނަ ފަރާތްތަކަށް ދޫކުރެވޭ "ސްޕެޝަލް ވީޒާ" އަދި "ސްޕޮންސަރޝިޕް ޑެކްލަރޭޝަން" އެ މުއައްސަސާއިން އެޕްރޫވްކުރުމުގެ ކުރިން، އެއްވެސް ފަރާތަކުން ރާއްޖެއަށް އައުމަށް ދަތުރު ނުފެށުމަށާއި މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް އެ އިދާރާގެ ނަންބަރު 7940452، 9199157 އަދި 1434 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

އިމިގްރޭޝަނުން ވަނީ އެ އިދާރާގެ މުވައްޒަފުން އެންމެ އެދެވޭ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބޭނެކަމުގެ ޔަގީންކަން ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު