Saturday, October 31
ރޯދަމަހު ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވުން ތިނަދޫ ކައުންސިލުން މަނާކޮށްފި

ރަމަޟާން މަހުގެ ހުރިހާ ކަމެއް އަޅުކަމަށް މަގުފަހި ކުރުވުމުގެ ގޮތުން، ރަމަޟާން މަހު ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވުން ތިނަދޫ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

ތިނަދޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ރަމަޟާން މަހަކީ ވެސް ވީހާވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދައާއި އުސޫލުތައް އާލާވުމަށް ފުރުސަތު ފަހިވާ ޚާއްސަ ދުވަސް ތަކަކަށް ހެދޭތޯ އެ އިދާރާއިން އަދާކުރަންޖެހޭ ދައުރު އަދާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އެ އިދާރާއިން އަންގާ އެންގުންތަކަށް ސަމާލުކަންދީ، އެއްބާރުލުން ދިނުމަށް ތިނަދޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ތިނަދޫ ސިޓީގައި ހުރި ތައުލީމު ފޯރުކޮށްދޭ ތަންތަނުންނާއި، ސަރުކާރާއި އެނޫންވެސް އެހެނިހެން މުއައްސަސާ ތަކުންނާއި، ވިޔަފާރިވެރީންނާއި، ކުލަބު ޖަމިއްޔާ ޖަމާއަތް ތަކުންނާއި، އެކިއެކި ރަސްމީ އަދި ނުރަސްމީ ޓީމުތަކާއި ގްރޫޕްތަކުން ވެސް ރަމަޟާން މަހާ ކުރިމަތިލާއިރު ރަމަޟާން މަހުގެ މަގުސަދު ހާސިލުކޮށްދިނުމަށް އެކަކު އަނެކަކަށް މަގުފަހި ކުރެވޭނޭހެން އެންމެހާ ކަމެއް ތަރުތީބުކޮށް އިންތިޒާމު ކުރުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މީގެއިތުރުން ދުވާލު ރޯދަޔަށް ތިބޭ ވަގުތު ތަކުގައި އެކަކު އަނެކަކަށް ވީހާވެސް ބޮޑަށް ހަމްދަރުދީވެ އަޅާލައި، ރަސްމީ މަސައްކަތަށް މާބޮޑު ބުރުލެއް ނާރާނެހެން ވީހާވެސް ބޮޑަށް އަޅުކަމަށް މަގުފަހިވާ ގޮތަށް، ޚާއްސަކޮށް ފަރުޟު ނަމާދުތަކުގެ ޖަމާއަތުގެ ވަގުތުތަކާއި، ތަރާވީޙް ނަމާދާއި، ރޯދަވީއްލުމުގެ ވަގުތުފަދަ ވަގުތުތަކަށް ފުށު ނާރާނެހެން، އަދި އެއްވެސް މީހަކަށް ދަތިނުވާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީތަކާއި އެހެނިހެން ރަސްމީ އަދި ނުރަސްމީ ކަންކަން އިންތިޒާމް ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި ދުވާލާއި ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތްތަކެއް ނުވަތަ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމްކޮށް ނުހިންގުމަށް ވެސް ވަނީ އެދިފައެވެ.

ހަމައެއާއެކު ކްލަބު ޖަމިއްޔާ، ޖަމާއަތްތަކަށް ނުވަތަ އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ޚާއްސަކޮށްގެން އެ އިދާރާއިން ދޫކޮށްފައިވާ ބިންބިމާއި އިމާރާތްތައް ނޫން ތަންތާގައިވެސް (ދިރިއުޅުމުގެ ބޭނުން ފަދަ ކަންކަމަށް ދޫކޮށްފައިވާ ތަންތަނުގައި) ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ޢާއްމުކޮށް ހުޅުވާލައިގެން ނުވަތަ އެނޫންގޮތަށް ވިޔަސް ނުބޭއްވުމަށް ވަނީ އަންގާފައެވެ. އަދި ކުޅިވަރާއި މުނިފޫހި ފިލުވުމަށް ނުފެތޭ ރަސްމީ ހަރަކާތްތަކެއްވިޔަސް ކޮންމެހެން ހިންގަން ޖެހޭ ހާލަތެއް މެދުވެރިވެގެން މެނުވީ (ރަމަޟާން މަހާއި ގުޅުން ހުރި، ދީނީގޮތުން ބޭނުންތެރި ކަންކަން މެނުވީ) ދުވާލު ނުވަތަ ރޭގަނޑު ވިޔަސް ނުބޭއްވުމަށާއި، ރަމަޟާން މަހާއި ގުޅުންހުރި ހަރަކާތެއް ރޭވިޔަސް، އެކަމެއް ދުރާލާ ރާވައި، ގުޅުންހުރި ހުރިހާ ފަރާތްތަކަށް އަންގައި، އަޅުކަމުގެ ވަގުތުތަކަށް ދަތިނުވާނެހެން، އާންމު ރައްޔިތުންނަށް ބުރަޔަކަށް ނުވާނެހެން،  ވަގުތު ދިގުލައި ނުދާނެހެން، ފަރުވާތެރިކަމާއެކު އެފަދަ ހަރަކާތްތައް އިންތިޒާމް ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެހެންމެ އޮފީސްތަކުން ދީނީ ހަރަކާތްތައް މުނާސަބު ގޮތެއްގައި އިންތިޒާމު ކުރިކަމުގައިވިޔަސް، އެފަދަ ކަންކަމުގައިވެސް ކަމެއް ދިމާވެއްޖެނަމަ ރައްޔިތުންނަށާއި، ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ޖަވާބުދާރީވާންޖެހޭ ރަށުގައި ހުރި ދައުލަތުގެ އެއްމެ އިސް މުއައްސަސާއަކީ އެ އިދާރާ ކަމަށްވުމުން އެ އިދާރާއަށް އެކަންކަމުގެ މައުލޫމާތު ވީވަރަކުން ދުރާލައި ހިއްސާ ކުރުމަށް ތިނަދޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

ކަސްރަތާއި ސިއްހީ ބޭނުންތަކަށް، ހަރަކާތްތެރިވާ ފަރާތްކަށް މަގުފަހިކޮށްދިނުމަށްޓަކައި ރަށުގައި ގާއިމުކުރެވިފައިވާ ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ފަދަ ތަންތަން ދުވާލާއި ރޭގަނޑުގެ ކަނޑައެޅޭ ވަގުތު ތަކުގައި އާންމުކޮށް ހުޅުވާފައި ބެހެއްޓޭނެ ކަމަށާއި، މީގެތެރެއިން އެ އިދާރާގެ ބެލުމުގެ ދަށުގައިހުރި ތަންތަނުގެ ތެރެއިން ވަގުތު ކަނޑައެޅިގެން ހުޅުވާފައި ބެހެއްޓޭ ތަންތަނުގެ މައުލޫމާތު ވަކީން އާންމުކޮށް އިއުލާނު ކުރެވެމުންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ކައުންސިލުން އެންގި ކަންކަން ކުރިޔަށް ގެންދިއުމަށްޓަކައި އެއްބާރުލުން ނުދޭ ފަރާތްތަކާއި، ގަސްތުގައި މިފަދަ އުސޫލުތަކާއި ޚިލާފަށް އަމަލުތައް ބަހައްޓާ ފަރާތްތަކަށް އެއިން އެއްވެސް ކަމެއްގައި އެ އިދާރާގެ އެއްބާރުލުން ނުލިބޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިކަންކަމާއި ޚިލާފަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ ހާލަތުގައި ފިޔަވަޅު ވެސް އަޅަމުންގެންދާނެ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު