Monday, November 16
ރާއްޖޭގެ ތަރައްޤީއަށް އޮސްޓްރޭލިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ރައީސްގެ ޝުކުރު
ކަނޑުގެ ސަލާމަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާތައް ހިމެނޭގޮތަށް، ދިވެހިރާއްޖޭގެ ތަރައްޤީއަށް އޮސްޓްރޭލިއާއިން ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު ދަންނަވައިފިއެވެ. މިގޮތުން އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާގެ ގަވަރނަރ ޖެނެރަލް، އޮނަރަބަލް ސަމާންތާ ޖޯއި މޮސްޓިން އޭ.ސީ. އަށާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އެމް.ޕީ.އަށް ރައީސް ވަކިވަކިން ފޮނުއްވި ސިޓީތަކުގައި ވަނީ މި އުފާވެރި މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އޮސްޓްރޭލިއާގެ ލީޑަރޝިޕްއަށާއި ރައްޔިތުންނަށް ހޫނު މަރުޙަބާއާއި ހެޔޮއެދުންތައް ފޮނުއްވައިފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން ކުރާ އިލްތިޒާމް އައުކުރައްވާފައިވެއެވެ. މީގެއިތުރުން، އެ މަނިކުފާނު ވަނީ ގަވަރނަރ ޖެނެރަލްއާއި ބޮޑުވަޒީރުގެ ދުޅަހެޔޮކަމާއި ފާގަތިކަމަށާއި، އޮސްޓްރޭލިއާގެ ރައްޔިތުންގެ ސުލްޙަވެރިކަމާއި، ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގެންފައެވެ. އޮސްޓްރޭލިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ 26 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނީ 1974 ވަނަ އަހަރުގެ ޖަނަވަރީ 25 ވަނަ ދުވަހުއެވެ. މި މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު