Saturday, October 31
ޑިމޮކްރެޓްސް އިންވެސް ވަގު ފޯމު މައްސަލަ ފުލުހަށް ހުޅަހަޅަނީ
ސަރުކާރުގެ ރަސްމީ ލިޔެކިޔުމާއި، ޑޭޓާބޭސްތަކުން މައުލޫމާތު ވަގަށް ނަގައިގެން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަޝިޕް ފޯމު އެކިއެކި މީހުންގެ ނަމުގައި ވަގަށް ފުރާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށް ދަ ޑިމޮކްރެޓްސް އިން ނިންމައިފިއެވެ. މިގޮތުން ޑިމޮކްރެޓްސް އިން ބުނީ ރައްޔިތުންގެ ޒާތީ މަޢުލޫމާތުން ވައްކަންކޮށް، ވަގު ފޯމު ފުރައިގެން ޕީޢެންސީގެ ދަފްތަރުގައި ޖައްސާފައިވާ މައްސަލައިގައި ޖިނާއީ ތަޙުޤީޤެއް ހިންގުމަށް މިއަދު 11:00 ގައި ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ. މި މައްސަލައާ ގުޅިގެން ދާޚިލީ ވަޒީރުގެ މަޤާމުން ޢަލީ އިޙްސާން އިސްތިޢުފާ ދެއްވުމަށް ދަ ޑިމޮކްރެޓްސް އިން ވަނީ މީގެ ކުރިން ގޮވާލައިފައެވެ. ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ރަސްމީ ލިޔެކިޔުމާއި، ޑޭޓާބޭސްތަކުން މަޢުލޫމާތު ވަގަށް ނަގައިގެން ޕީއެންސީގެ މެންބަރޝިޕް ފޯމު އެކިއެކި މީހުންގެ ނަމުގައި ވަގަށް ފުރާފައިވަނީ ދާޚިލީ ވަޒީރު އިސްވެ ހުންނަވައި، އެ ވުޒާރާ ހިންގާ އޮފީހުގެ ތެރޭގައި ކަމަށެވެ.

''މިއީ ދާޚިލީ ވަޒީރުގެ ބެއްލެވުމުގެ ދަށުން ރޭވިގެން ހިންގާފައިވާ ކުށުގެ އަމަލެއްކަމަށް ވިޔަސް ނުވަތަ ވަޒީރުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާނުކުރެއްވުމުގެ ސަބަބުން ހިންގާފައިވާ އަމަލެއް ކަމަށް ވިޔަސް، އެކަމުގެ ސަބަބުން ދާހިލީ ވަޒީރު މަގާމުން އިސްތިއުވާ ދެއްވަންޖެހޭ ވަރުގެ ސަބަބެއްކަމަށް މި ޕާޓީން ދެކެމެވެ.''

ޑިމޮކްރެޓްސްއިން ބުނީ ދައުލަތުން މުސާރަ ލިބޭ ސިޔާސީ މުވައްޒަފުން، ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑީގައި، ދާޚިލީ ވުޒާރާގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން އަމިއްލަ ޒާތީ ސިޔާސީ މަންފާއަށް ބޭނުންކުރުމަކީ ފައިސާތަކެއް ވަގަށް ނެގުމަށްވުރެ، މި ޒަމާނަށް ބަލާއިރު ނުރައްކާތެރިކަން ބޮޑު ޚިނާތެއްކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ. އަދި މިއީ މަކަރާއި ހީލަތަކަށް ފުދޭ ވިޔާނުދާ ކަމެއްގެ އިތުރުން، އައިޑެންޓިޓީ ފޯޖުކުރުމާއި ސައްހަނޫން ލިޔެކިޔުން ދައުލަތުގެ އިދާރާއަކަށް ގަސްދުގައި އޮޅުވާލައިގެން ހުށަހެޅުން ހިމެނޭ ޖިނާއީ ކުށެއްކަން ވެސް ޑިމޮކްރެޓްސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ޑިމޮކްރެޓްސްއިން ބުނީ ރައްޔިތުންގެ ޒާތާއި، ޢާއިލާއާއި، ދިރިއުޅުމާއި އަދި ޖާނާއި މާލާ ބެހޭ އެންމެ އަސާސީ މަޢުލޫމާތު ބަލަހައްޓާ ފަރާތުގެ އަމާނާތްތެރިކަމާއި ނަޒާހާތްތެރިކަން، އިތުބާރާއި އިންސާފު ގެއްލިދިޔުމަކީ ދައުލަތެއްގެ ނިޒާމު ފޫދިޔުން ކަމަށް ދެކޭ ކަމަށެވެ. ދާޚިލީ ވުޒާރާއަކީ ޑީއެންއާރްގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)، ފުލުހުން އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވެސް ބެލެނިވެރި ފަރާތްކަން ފާހަގަަކޮށް ޑިމޮކްރެޓްސްއިން ބުނީ އެ ވުޒާރާ ހިންގަވަން ހުންނެވި ވަޒީރުގެ ފެނުމާއި އެނގުމުގެ ތެރެއިން އައިޑެންޓިޓީ ވަގަށް ނަގައިގެން ޕީއެންސީގެ ފޯމު ފުރުމުގެ ޖިނާއީ އަމަލު ހިންގާފައިވާކަން ދަނީ އެނގި ހާމަވަމުން ކަމަށެވެ. އަދި ވަގު ފޯމު ފުރައިގެން ޕީއެންސީއަށް ވައްދާފައިވާ އެތައް ބައެއްގެ ކޭސް ކޮންމެ ދުވަހަކުމެ ފަޅާ އަރަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ''އެހެންވީމާ ފުލުހުންނާއި ކުށްވެރިންގެ ކަންކަން ބެލެހެއްޓުމާއި ޒާތީ މުއާމަލާތްތަކާއި މުވާސަލަތުފަދަ ހައްސާސް މަސައްކަތާއި ހަވާލުވެހުރުމުގެ މޯރަލް އޮތޯރިޓީ ނުވަތަ އަހްލަގީ ފަންވަރު މިނިސްޓަރު އަލީ އިހްސާންގެ ކިބައިން ގެއްލިފައިވާކަމަށްވެސް މި ޕާޓީއިން ދެކޭ ކަމުގައި ދަންނަވާ ހާލު، މި މަސްއޫލިއްޔަތުތަކާ މި ޒިންމާތަކުން ޢަލީ އިޙްސާނު ދުރުކޮށް، ތަހުގީގު ހިންގުމަށާއި މިކަން ސީރިއަސް ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހްގީގުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް މި ޕާޓީއިން ގޮވާލަމެވެ.'' ބަޔާން ނިންމައިލަމުން ޑިމޮކްރެޓްސްއިން ގޮވާލާފައިވެއެވެ. ބައެއް މީހުންނަށް ނޭނގި އެ މީހުންގެ ނަންމަތީގައި ވަގު ފޯމު ހުށަހަޅައިގެން ޕާޓީތަކަށް މީހުން ވައްދާފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދަށް އެނގިވަޑައިގަތުމެއްނެތި، ޕީއެންސީއަށް ރަޖިސްޓަރީކުރުމަށްޓަކައި އީސީއަށް ފޯމެއް ހުށަހަޅައިގެން، އެކަން އެ ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ ފޯމު ވަނީ ބާތިލުކޮށްފައެވެ. ކުރެވޭ ތުހުމަތުތައް ދޮގުކުރައްވަމުން އިޙްސާން ވިދާޅުވެފައިވަނީ ސައްހަ ނޫން ފޯމު އީސީއަށް ހުށަހެޅުމުގައި އޭނާގެ އެއްވެސް ބައިވެެރިވުމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު