Saturday, October 31
ކުޑަ ކުއްޖަކު ގެއެއްގެ 5 ވަނަ ފަންގިފިލާއިން ފުންމާލަން މަސައްކަތް ކުރި ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން އެދިއްޖެ

މާލޭގެ ގެއެއްގެ 5 ވަނަ ފަންގިފިލާއިން ކުޑަ ކުއްޖަކު ފުންމާލަން މަސައްކަތް ކުރި ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން އެދިއްޖެއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގެއެއްގެ ފަސްވަނަ ފަންގިފިލާގައި ހުޅުވާފައި ހުރި ކުޑަދޮރެއްގެ މަތީގައި އިށީނދެގެން އިން ކުޑަކުއްޖަކު އެ ދޮރުން ތިރިއަށް ފައިބަން މަސައްކަތްކުރާ މަންޒަރެވެ.

ދެފައި އެއްކޮށް ކުޑަދޮރުން ބޭރަށް އެލުވާލާ، ވެއްޓެން އުޅެނިކޮށް އެތެރެއިން އައި މީހަކު ވަނީ ކުއްލިއަކަށް ކުއްޖާ ނަގައި އެތެރެއަށް ވައްދާފައެވެ.

ފުލުހުން ބުނީ މި ވީޑިއޯ ދައުކުރުން ހުއްޓާލައި ވީޑިއޯ ރިމޫވްކޮށްލަން އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

“މިފަދަ ވީޑިއޯތައް ދައުރު ކުރުމަކީ އެ ކުއްޖާއާއި ކުއްޖާގެ އާއިލާ، އާންމުންގެ ފާޑުކިޔުމާއި ނަފްސާނީ ގޮތުން އަނިޔާއަށް ހުށަހެޅިގެން ދާނެކަމެވެ. އާއިލާގެ އިތުރުން، މިކަމުގެ ސަބަބުން މި ވީޑިއޯ ފެންނަ ކޮންމެ މީހަކަށްވެސް ނަފްސާނީގޮތުން އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، މިފަދަ މަންޒަރުތަކުގެ ސަބަބުން، ކުޑަކުދިން ނުވަތަ ވަލްނެރަބްލް މީހުން، ޓްރިގަރ ވެ، އެމީހުން ނުރައްކަލަކަށް ހުށަހެޅިދާނެކަމަށް އަޅުގަނޑުމެން ދެކެމެވެ”. ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފޫޓޭޖްތައް ދައުރު ކުރުމަކީ، ސޯޝަލް މީޑިއާގައި ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ ސަގާފަތެއް އާލާވެ، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

މީގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހައްމިއްޔަތުކަން ދީ، ކުޑަދޮރުތަކާއި ބެލްކަނިތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް ނުރައްކާތަކާ ބެހޭގޮތުން ހޭލުންތެރިކުރުމާއި، އަދި މިފަދަ ވީޑިއޯތައް އިތުރަށް ދައުރުކުރުމުގެ ބަދަލުގައި އެ ޕްލެޓްފޯމްތަކުން ނެގުމަށް ރިޕޯޓުކުރުން ފަދަ ކަންކަމަށް އިސްކަންދިނުމަށް ފުލުހުން ވަނީ ގޮވާލާފައެވެ.

އެއްވެސް ފަރާތަކުން މި ވީޑިއޯ ޝެއާކޮށްފައިވާނަމަ އެ ނަގާ، އެހެން މީހުންނަށްވެސް އެކަން ނުކުރުމަށް ބާރުއެޅުމަށާއި، މި ހާދިސާ އާ ގުޅިގެން އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް ނުވަތަ މަޢުލޫމާތެއް ވާނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ 3322111 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ދަނީ މި ހާދިސާ އާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަށް އަޅަމުން ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު