Saturday, October 31
މަކުނުދޫ ކައުންސިލް ބައި-އިލެކްޝަން: އިބްރާހީމްގެ ކެނޑިޑެންސީ ބަލައިގަތުމަށް އަމުރުކޮށްފި

އަންނަ ފެބްރުއަރީ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ހދ. މަކުނުދޫ ކައުންސިލްގެ މެންބަރުގެ މަގާމަށް ކުރިމަތިލާފައިވާ އިބްރާހީމް މުޙައްމަދު، ކަރާދުނބުރިއާގެ / މާލެ، ގެ ކެނޑިޑެންސީ ބަލައިގަތުމަށް ހައިކޯޓުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައްޗަށް އަމުރުކޮށްފިއެވެ.

ފެބްރުއަރީ 08 ވާ ހޮނިހިރު ދުވަހު އިންތިޚާބު ބާއްވާ ގޮތަށް ހަމަޖައްސައި، މަކުނުދޫ ކައުންސިލުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އީސީއިން ހުޅުވައިލީ މިދިޔަ ޑިސެމްބަރު 22 ގައެވެ.

އެގޮތުން މި އިންތިޚާބަށް އަމިއްލަ ގޮތުން ކުރިމަތިލުމަށް އިބްރާހީމް މުޙައްމަދު އީސީއަށް ފޯމު ހުށަހެޅުމުން، "ކެނޑިޑެންސީ ގަބޫލުނުކުރާކަމުގެ ލިޔުން" ފޮނުވައ، އީސީއިން ބުނީ އޭނާ ހުށަހެޅި ފޯމާއެކު އޭނާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅާފައިނުވާތީ ފޯމު ބަލައިގަނެވެން ނެތް ކަމަށެވެ.

އެގޮތުން އިބްރާހިމް މުޙައްމަދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އީސީއިން އޭނާގެ ކެނޑިޑެންސީ ބަލައިނުގަތުމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގު ގެއްލޭ ގޮތަށް ކަމަށާއި، އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށެވެ.

އެހެންވެ އީސީގެ ނިންމުން ބާތިލުކޮށްދެއްވައި، އޭނާގެ ކެނޑިޑެންސީ ގަބޫލުކުރުމަށް އެ ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދެއްވުމަށް ނުވަތަ އޭނާގެ ހުށަހެޅުމާއެކު އައިޑީކާޑު ކޮމިޝަނަށް ލިބިފައިނުވާ ކަމަށް ސާބިތުވާ ހާލަތުގައި އައިޑީކާޑު ހުށަހެޅުމުގެ ފުރުސަތު އޮވެމެ، އެ ފުރުސަތު ގެއްލިފައިވަނީ ކޮމިޝަނުގެ އިހުމާލުންކަމުގައިވާތީ، އަލުން އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުމުގެ ފުރުސަތު ދިނުމަށާއި، އޭނާގެ ކެނޑިޑެންސީ ގަބޫލުކުރުމަށް އެ ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދެއްވުމަށް އިބްރާހިމް ހުށަހެޅި މައްސަލާގައި އެދިފައިވެއެވެ.

މި މައްސަލާގައި ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ އިބްރާހިމްގެ ކެނޑިޑެންސީ ގަބޫލުނުކުރުމަށް އީސީއިން ނިންމާފައިވަނީ، ސައްހަ ގާނޫނީ އަސާސެއްގެ މައްޗަށްކަން ބުރަވެވެން ނެތުމުން، އިބްރާހިމްގެ ކެނޑިޑެންސީ ބަލައިގަންނަންޖެހޭ ކަމަށެވެ. އަދި މިގޮތުގެ މަތީން އަމަލުކުރުމަށް އީސީގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލާގައި ހައިކޯޓުން މިގޮތަށް ހުކުމްކުރިއިރު، އީސީއިން މި މަހުގެ 09 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ މަކުނުދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށާއި، އެހެންވެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަކުނުދޫ، ހުދުވިލާ، ނަޛްރާނާ ޢަލީ އިންތިޚާބުވެފައިވާ ކަމަށް ކަނޑައަޅާ ކަމަށެވެ. ނަޛްރާނާ މި އިންތިޚާބަށް ކުރިމަތިލީ ޕީއެންސީގެ ޓިކެޓުގައެވެ.

ނަމަވެސް ހައިކޯޓުގެ ހުކުމާއެކު އީސީއިން މިހާރު ވަނީ އެ އިއުލާނު ބާތިލުކޮށްފައެވެ. އަދި މަކުނުދޫ ކައުންސިލަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ތަރުތީބުކުރަން މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު