Saturday, October 31
ރައީސް ރ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރ. އަތޮޅުގެ ރަށްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކުރައްވައި، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ރައީސް މި ދަތުރުފުޅުގައި، ރައްޔިތުންގެ ގާތަށް، ރަށްރަށަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވާ، އެ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން އޮޅުންފިލުއްވައި، ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް އެކިއެކި މުއައްސަސާތަކާއި އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި ރައްޔިތުންނާ މުޚާޠިބުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި ރައީސް ވަނީ މި އަހަރު ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ކުރިއަށް އުންމީދު ކުރަންވީ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައްޔިތުންނަށް ވަރަށްގިނަ އުފާވެރި އުއްމީދީ ކަންތައްތަކެއްގެ ވާހަކަ ހިއްސާކުރައްވާފައިވެއެވެ.

އަދި މި ދަތުރުފުޅުގައި އެކި ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ފައްޓަވައިދެއްވައި ބައެއް ރަށްރަށުގައި ޤާއިމުކޮށް ނިމިފައިވާ ޚިދުމަތްތައް ރައީސް އިފުތިތާހުކޮށްދެއްވިއެވެ.

ރައީސް ރ. އަތޮޅުގެ ރަށްތަކަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު