Monday, November 16
ކުޑަކުދިންގެ ޕާކުތައް ހެދުމަކީ ތަރައްޤީ ގެނެސްދިނުމުގައި މުހިންމު ކަމެއް: ރައީސް

އާބާދީގެ ކުޑަބޮޑުމިނުގެ ނިސްބަތުން އެއްވެސް ތަފާތެއް ނެތި، ކުޑަކުދިންނަށް ކުޅެވޭނޭ ޕާކުތައް ހެދުމަކީ ޙަޤީޤަތުގައި ތަރައްޤީ ގެނެސްދިނުމުގައި ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރ. ކިނޮޅަހުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ރައީސް ވިދާޅުވީ، ވަށާޖެހޭ ތަރައްޤީއަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށާއި، ކިނޮޅަހުގެ ތުއްތުކުދިން ބޭނުންވާ ޕާކު މިއަހަރު ތެރޭ ތަރައްޤީކޮށްދެއްވާނެ ކަމަށެވެ. އަދި ދުޅަހެޔޮކަމާއި ސިކުނޑީގެ ތަރައްޤީ އަދި ހިތްހަމަޖެހުމަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކުރުމަށް މި ސަރުކާރުން ރާއްވަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މި އަހަރުގެ ތެރޭގައި ކިނޮޅަހުގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއް ޤާއިމުކުރެއްވުމުގެ އިތުރުން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހޭންޑްބޯލް ކުރިއެރުވުމަށް ޕްލޭނެއް ހެއްދުމަށް ކަމާގުޅޭ ވުޒާރާއިން އިސްނަންގަވައިގެން ކުރިއަށްގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކިނޮޅަހުގެ ތަޢުލީމީ ބިނާރާއި ވަޞީލަތްތައް ތަރައްޤީކޮށް ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް، ސްކޫލާއި، ކައުންސިލާއި ތަޢުލީމީ ވުޒާރާ ގުޅިގެން މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، ޞިއްޙީ ދާއިރާގައިވެސް ތަރައްޤީގެ މަސައްކަތްތަކެއް ހިންގަވާނެ ކަމަށް އަދި މިއަހަރު ތެރޭ ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ފައްޓަވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ރައީސް ވިދާޅުވީ، ކިނޮޅަހު ރައްޔިތުން ތަޞައްވަރުކުރާ ލާސާނީ ލޯކަލް ޓޫރިޒަމް ކޮންސެޕްޓް، ކަނޑައަޅާފައި އޮތް ސަރަހައްދުގައި ފެއްޓުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، އެ ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މުޅި ރާއްޖެއަށް ޝާމިލުވާގޮތަށް އެކި ސަރަޙައްދުތަކަށް ބަހާލައިގެން، މި ދައުރުގައި ޕަބްލިކް ލައިބްރަރީ ޚިދުމަތް ޤާއިމްކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށް ވިދާޅުވެފައެވެ.

މިއަދު ވަނީ ކިނޮޅަހުގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި އެ ރަށު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައިވެސް ސޮއިކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު