ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 33 ފަރާތެއް ދެނެގަނެވިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
މިގޮތުން އެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން އިންސާނީ އެހީ ފޯރުކޮށްދެންޖެ ގޭބީސީއެއް ހުރިތޯ ކަށަވަރު ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން، އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތައް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 ފަރާތެއް ފާހަގަކުރެވިފައިވެއެވެ. އޭގެ ތެރޭގައި 14 ދިވެހީންނާއި 19 ބިދޭސީން ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އެންޑީއެމްއޭ އިން ބުނީ މީގެ ތެރެއިން 5 ގޭބިސީއެއްގެ 14 ދިވެހިން އަދި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސަމުންދާ ކަމަށެވެ. އަދި ބިދޭސީ އެއް ޢާއިލާ އަމިއްލަ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުވެފައިވާއިރު، 11 ބިދޭސީއަކަށް އެ މީހުން ނިސްބަތްވާ ކުންފުނި ތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު ރޭފަތިހު 04:20 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ކޮންޓްރޯލްކުރެވުނީ ފަތިހު 05:27 ހާއިރު ކަމަށާއި އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 06:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ އިރު، އަލިފާން ރޯވި ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.
މި ލިޔުން ކިޔާލުމުން