Friday, November 13
އިންނަމާދޫގައި 50 ޔުނިޓުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގަނީ

ރަށު ކައުންސިލުން ބިން ކަނޑައަޅައި ހަމަޖައްސަވައި ދެއްވުމާއެކު ކޮންޓްރެކްޓަރުން ހަމަޖެހުނުހާ އަވަހަކަށް، ރ. އިންނަމާދޫގައި 50 ޔުނިޓްގެ ހައުސިންގް މަޝްރޫޢެއް ހިންގަވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިންނަމާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މި ހިނގާ 2025 ވަނަ އަހަރަށް ފާސްކޮށްފައި އޮތް ބަޖެޓުން އެންމެ އިސްކަމެއް ދެއްވަނީ ބޯހިޔާވަހިކަމުގައި ހުރި ދަތިކަމަށް ދާއިމީ ޙައްލު ހޯއްދަވައިދެއްވަން ކަމުގައެވެ.

މީގެ އިތުރުން، ރަށުގެ ތަރައްޤީއަށްޓަކައި އެކިއެކި މަސައްކަތްތައް ކުރަންޖެހިފައި އެބަހުރި ކަމަށާ، އެ ހުރިހާ ކަމެއްވެސް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކޮށްދިނުމުގައި އަދުގެ ސަރުކާރުން ބާރު ދުވެލީގައި ކުރިއަށްދާނެ ކަމަށާއި، ހާރު ފާސްކޮށްފައި އޮތް ބަޖެޓުގެ ތެރެއިން، މިފަދަ އެކި ކަންކަމުގައި ޢަމަލީ ސިފަޖެހިގެންދާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި، އިންނަމާދޫ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް އިސްކަން ދެއްވާނެ ކަމަށާއި، ބަނދަރުގެ މައްސަލަ ޙައްލު ކުރުމަށް ފަށާފައިވާ މަޝްރޫޢު ޢަމަލީ ގޮތުން ހިންގަވައިދެއްވައި، ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، ޞިއްޙީ ދާއިރާއަށް ގެންނަން ބޭނުންވެފައިވާ ޢުމްރާނީ އަދި އިންސާނީ ވަޞީލަތުގެ ތަރައްޤީއާއި، ތަކެތީގެ ގޮތުން ގެންނަންޖެހޭ ތަރައްޤީއާއި ޚިދުމަތުގެ ވަގުތު އިތުރުކުރުމުގެ ކަންކަން، ރައްޔިތުން އެދިވަޑައިގެންފައިވާ ގޮތަށް މި އަހަރު ތެރޭގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ. އަދި ސްކޫލަށް ބޭނުންވާ ވަޞީލަތްތަކާއި ޖާގަ އިތުރުކުރުމަށްޓަކައި އައު މަޝްރޫޢެއް ހިންގަންޖެހޭ ކަމަށާއި، މި އަހަރުގެ ބަޖެޓުގައި ހަމަޖައްސާފައިވާ ފަދައިން ތަރައްޤީގެ މަޝްރޫޢު ހިނގަމުންދާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި، ނަރުދަމާގެ މަސައްކަތްތަކާއި، މަގު ހެދުމުގެ މަޝްރޫޢު ފަދަ ތަރައްޤީގެ މަޝްރޫޢުތަކާއި، ޒުވާނުންނަށް ޚާއްޞަކޮށްގެން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަކީ މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި ޢަމަލީ ސިފަޖެހިގެންދާނެ މަޝްރޫޢުތަކެއް ކަމަށެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދެން އިންނަމާދޫއަށް ވަޑައިގަންނަވާނީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތަކެއްގައި ޙަޤީޤީ ކުލަޖެހި، އެކަމުގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަށް ކަމުގައި ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު