Saturday, October 31
މަޑުއްވަރީގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފައްޓާނަން: ރައީސް

ރ. މަޑުއްވަރީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން އިޢުލާންކުރެއްވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން، މަޑުއްވަރީ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރަށަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ގެނެވިދާނެ ޙައްލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރައީސް ވަނީ، ރަށުގެ ބިން ފުރިފައިވާކަމާއި، ފަޅުގައިވެސް ޖާގަ ނެތުމުން، ހިއްކުނަސް ހިއްކޭނީވެސް ނިސްބަތުން ކުޑަ ސަރަޙައްދެއްކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މަޑުއްވަރީގެ ބިން ހިއްކުމުގެ މަޝްރޫޢު މި އަހަރުގެ ބަޖެޓުގައި ހިމަނައި، ކަމާ ގުޅޭ ވުޒާރާތަކާއި ކައުންސިލުން މަޝްވަރާކުރެއްވުމަށްފަހު، މި އަހަރު ޢަމަލީ މަސައްކަތް ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދައުރު ތެރޭގައި ފުރިހަމަކުރެއްވުމަށް ރާއްވަވާ މި މަޝްރޫޢުގައި ހިމެނިގެން، ކުރިން ހަދާފައިވާ ބަނދަރު ބެކްފިލްނުކޮށް ހުރުމުން ދިމާވާ މައްސަލަ އާއި، ގިރާ ސަރަޙައްދު ހިމާޔަތް ނުކޮށް އޮތް މައްސަލަ އާއި، ބަނދަރުގެ ބޭރު ތޮށި ވެހިކަލަށް ވަދެވޭ ގޮތަށް ހަދާފައި ނެތް މައްސަލައަށް ޙައްލު ހޯދައިދެއްވާނޭކަމަށެވެ.

ރަށަށް އެންމެ ހައެއްކަ ހެކްޓަރު އިތުރުކޮށްގެން ބިމުގެ މައްސަލައަށް ހައްލެއް ނޯންނާނޭކަމަށް ވިދާޅުވެ، ރަށުގައި އިޤްތިޞާދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ، ޢާންމު ސިއްޙަތަށްވެސް އޮތް އެންމެ ރަނގަޅު ޙައްލުކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، ރ. މަޑުއްވަރީގެ އިޚްތިޞާޞްގައި އުފުލަންދޫ، އަދި ރ. މީދޫގެ އިޚްތިޞާޞްގައި ތާވަތާ ހިމެނުއްވުމަށް ނިންމަވާފައިވާކަން ރައީސް ވަނީ އިޢުލާންކުރައްވައިފައެވެ.

އަދި އެކަމާ ގުޅޭ ޤާނޫނީ ލިޔެކިޔުމުގެ ކަންކަން ހަމަޖެހުމުން، މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ނުޖެހޭ ހުރިހާ ތަނެއް އެރަށްތަކަށް ބަދަލުކުރެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު