Friday, November 13
ބޯޓު ބިލްޑިންގ ދާއިރާއިން ރަހުނަކާ ނުލައި ލޯނު ނެގޭނެ އިންތިޒާމު ހަމަޖައްސައިދޭނަން: ރައީސް

ބޯޓު ބިލްޑިންގް ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވެފައި ތިބި ދިވެހިންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަމުގައި ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ލުއި ގޮތެއްގައި، ރަހުނަކާ ނުލައި، ބޭންކިންގް ނިޒާމުގެ ތެރެއިން ލޯނު ނެގޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިގޮތުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް ފަންނުވެރި މަސައްކަތެއް ކަމުގައިވާ، އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާ، ނުވަތަ ބޯޓު ބިލްޑިންގް އިންޑަސްޓްރީއަކީ ދިވެހީން ކުރިއަރާ ދިއުމަށް މަގުފަހިވެފައި އޮތް ސިނާޢީ ދާއިރާއަކަށް ހައްދަވައިދެއްވާނެ ކަމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، މި ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް، ދާދި އަވަހަށް، ޢަމަލީ ސިފައެއްގައި ޙައްލު ލިބެން ފަށާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

މީގެ އިތުރުން، މި ދާއިރާގައި ބިދޭސީ ޝާމިލުވުން އޮތުމަށް އެދިވަޑައިނުގަންނަވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ދާއިރާއިން ދިވެހި މަސައްކަތްތެރިން ބިނާކުރުމަށްޓަކައި ރ. އިންނަމާދޫގައި ތަމްރީނުދޭ ޚާއްޞަ މަރުކަޒެއް ތަރައްޤީ ކުރައްވަން ގަސްތުކުރައްވާ ކަމަށެވެ.

އަދި މި ފުރުޞަތު ފަހިކޮށްދެވިގެން ދިއުމާއެކު، ބޯޓު ބިލްޑިންގް ސިނާޢަތަކީ ދިވެހީންނަށް ޚާއްޞަ، އަދި ހަމަ އެކަނި ދިވެހި މަސައްކަތްތެރިން ހަރަކާތްތެރިވާ ދާއިރާއަކަށްވެ، ތަމްރީނު ވެފައިވާ ދިވެހިން އިތުރުވެގެންދާ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށާއި، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އެކަމަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ބޯޓު ބިލްޑިންގް ސިނާޢަތަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައި ވިދާޅުވީ، ކައުންސިލްތަކުން ކުއްޔަށް ބިން ދޫކުރަމުން އައިސްފައި ވަނީ ކުރު މުއްދަތަކަށް ކަމަށްވާތީ، އެފަދަ ބިންތަކުގައި އިންވެސްޓުކޮށް، ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

އަދި ބިމާ ބެހޭ ސިޔާސަތުގެ ތެރެއިން، ދިގު މުއްދަތަކަށް ބިންތައް ކުއްޔަށް ދޫކުރެވޭނެ މަގުތައް ކައުންސިލްތަކަށް ފަހިކޮށްދެއްވައި، އެ ދާއިރާގައި އިންވެސްޓް ކުރުމުގެ އިތުބާރު ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މިއީ ހަމައެކަނި އިންނަމާދޫއަށް އޮތް ކަމެއް ނޫން ކަމަށާއި، މުޅި ރާއްޖޭގައިވެސް މިކަންކަން ތަންފީޒުވެގެންދާނެ ކަމަށެވެ. އަދި ބޯޓު ބިލްޑިންގް އިންޑަސްޓްރީ ސެކްޓަރގައި ދިވެހީންނަށް ކުރިއަށްދިއުމުގެ މަގު ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ތަކުރާރުކޮށް ދެއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު