Saturday, October 31
ޖުލައި މަހުގެ ނިޔަލަށް އާރުޓީއެލްގެ ޚިދުމަތްތައް ރ. އަދި ބ. އަތޮޅުގައި ފެށޭނެ: ރައީސް

މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅާއި ރ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތްތައް ފެށޭނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. އުނގޫފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، ތަރައްޤީގައި ދަތުރުފަތުރުގެ ނިޒާމުގެ މުހިންމުކަން ބޮޑު ކަމަށާއި، އެ ގޮތުން އާރުޓީއެލްގެ ޚިދުމަތް ދެން އެންމެ އަވަހަށް ޤާއިމުވެގެންދާނީ ރ. އަތޮޅުގައި ކަމަށާއި، މި އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އަދި ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި މި ޚިދުމަތް ފަށްޓަވާނެ ކަމަށެވެ.

މީގެ އިތުރުން، ރ. އުނގޫފާރު އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ރައީސްގެ ވާހަކަފުޅުގައި ހިއްސާކުރެއްވިއެވެ. މެދު އަދި ދުރު ރާސްތާ ވިސްނުންފުޅުގެ ތަރައްޤީގެ މާސްޓަރ ޕްލޭންގެ މަސައްކަތްތައް ކުރެވެމުން ދާއިރު، ހުރިހާ ދާއިރާއަކުން އެންމެ މަތީ ފަންތީގައި ޚިދުމަތް ލިބޭ ރަށަކަށް އުނގޫފާރު ވެގެންދާނެ ކަމުގެ އުންމީދު ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

އަދި، ގޮންޖެހުންތަކާ ކުރިމަތިވި ކަމުގައި ވީ ނަމަވެސް، މޫސުމީ ގޮތުން ފުރުޞަތު ފަހިވުމާއެކު އުނގޫފާރުގެ ބިން ހިއްކުމުގެ މަސައްކަތްތައް، ވަޢުދުވެވަޑައިގެންފައި ވާ ގޮތަށް ފުރިހަމަކޮށް ނިންމަވައިދެއްވާނެ ކަމަށާއި، މި ދައުރުގައި އެ ރަށުގައި 500 ހައުސިންގް ޔުނިޓްގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އަރބަން ސެންޓަރެއްގެ ފެންވަރުގައި ރަށް ތަރައްޤީވެގެން އަންނައިރު، 1 ދަންފަޅިއަށް ކިޔަވައިދެވޭނެ ގޮތަށް ތަޢުލީމީ ދާއިރާއަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެ ކަމަށް ވިދާޅުވެ، ރަށުގެ ޞިއްޙީ ދާއިރާއަކީވެސް އެންމެ މަތީ ފަންތީގައި ޚިދުމަތްދޭ ދާއިރާއަކަށް ހެއްދެވުމަށްޓަކައި މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

އެގޮތުން، ތިން އަހަރު ދުވަހުގެ ޕްލޭނެއްގެ ދަށުން އުނގޫފާރުގެ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލު ކުރެވިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އަދުގެ ސަރުކާރުގެ ވިސްނުމަކީ އެއްވެސް ރައްޔިތަކު ބާކީ ކުރުމެއް ނެތި، ކުޑަ ރަށެއް، ބޮޑު ރަށެއް ފަރަޤު ކުރުމެއް ނެތި، ޒިންމާދާރު ކަމާއެކު ތަރައްޤީ ހޯއްދަވައިދެއްވުން ކަމުގައި ވާހިނދު، ރ. އަތޮޅުގެ ރަށްތަކަށް ބޭނުންވާ ތަރައްޤީގެ ކަންކަން ހަމަޖައްސަވައިދެއްވަމުން ގެންދަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ދަތުރުފުޅުގައި ހިމެނިފައި ނެތް ނަމަވެސް، ދުވާފަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ހަލުވި ދުވެލީގައި މިހާރުވެސް ކުރިއަށް ދާ ކަމަށާއި، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޚިދުމަތް ދެވެން ފެށޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު