އާދިއްތަ, November 1
ރަސްގެތީމުގެ ބަނދަރުގެ މަސައްކަތް މިއަހަރު ފައްޓައި ސްކޫލްގެ މަސައްކަތް މިއަހަރު ތެރޭ ނިންމައިދޭނަން: ރައީސް

ރ. ރަސްގެތީމުގެ ބަނދަރުގެ މަސައްކަތް މި އަހަރު ތެރޭ ފައްޓަވާނޭކަމަށާއި، ސްކޫލްގެ ކްލާސްރޫމްތަކާއި ހޯލުގެ މަސައްކަތް މިއަހަރު ތެރޭ ނިންމަވައިދެއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން، ރަސްގެތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީވެސް، އަދި ޕްލޭނަކީވެސް، ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެރަކަށް ކޮށްދެއްވާނޭކަމަށް ވަޢުދުވެވަޑައިގެންފައިވާ ހުރިހާ ކަމެއްވެސް މި އަހަރުގެ ތެރޭގައި ފަށައި، ބައެއް ކަންކަން މި އަހަރުގެ ތެރޭގައި ނިންމެވުންކަމުގައެވެ.

އެގޮތުން ރަށުގެ ބަނދަރާއި، ސްކޫލްގެ މަސައްކަތްތަކާއި، ކުޅިވަރުގެ ބިނާރާއި ވަޞީލަތްތަކާ ގުޅުންހުރި މަސައްކަތްތަކާއި، ކުނި ނައްތާލުމުގެ މަސައްކަތްތަކާއި، ސިއްޙީ ދާއިރާގައި ހުރި މައްސަލަތައް ޙައްލުކޮށްދެއްވުމުގެ މަސައްކަތް ކުރިއަށްއޮތް މަސްތަކުގެ ތެރޭގައި ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޑައިގެންނެވި ކަމާގުޅުންހުރި ވަޒީރުން، ކައުންސިލާއި އ.ތ.މ ކޮމެޓީ އަދި ރަށުގެ މުވައްސަސާތަކުގެ ވެރިންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަން ފާހަގަކުރައްވައި، ކައުންސިލާއި މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން ކަންކަން ތަރުތީބުވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމާލައްވަމުން، މިއަހަރު ނިމޭއިރު، މައްސަލަތަކަށް ޙައްލު ލިބި އެކަމުގެ އުފާފާޅުކުރާ ދަނޑިވަޅުގައި، ރައްޔިތުން އެދިވަޑައިގަންނަވާނަމަ، މަސައްކަތްތަކުގެ ނިމުން ފާހަގަކުރުމަށް ރަސްގެތީމަށް އެނބުރި ވަޑައިގަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު