Friday, November 20
ހިންދޫ ފާދިރީއަކު ރޫހާނީ ފަރުވާ ދޭ ކަމަށް ބުނާ މައްސަލައެއް ބަލަނީ

ހިންދޫ ދީނުގެ ފާދިރީއަކު ރާއްޖޭގައި ރޫހާނީ ފަރުވާ ދެމުންދާ ކަމަށް ބުނެ އިޝްތިހާރުކުރަމުންދާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ "މާސްޓަރ ރާއޯ ގުރުޖީ" ނަމަކަށް ކިޔާ މީހާކު ރޫހާނީ ފަރުވާގެ ޚިދުމަތް ދޭ ކަމަށް ބުނެ މީސްމީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، ދިވެހި ސަގާފަތާއި ދީނާ ޚިލާފު މިފަދަ ކަންކަމުގެ މަޢުލޫމާތު އެކަކު އަނެކަކާ ހިއްސާކުރުމުގެ ބަދަލުގައި، ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އެހެންކަމުން މިފަދަ އެއްވެސް އިޝްތިހާރެއް ފެނިއްޖެނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށްވެސް އެ މުއައްސަސާއިން ވަނީ އެދިފައެވެ.

ފޭސްބުކް ޕޭޖެއް މެދުވެރިކޮށް އިންޑިއާގެ މި ފާދިރީ މީހާގެ ޚިދުމަތްތައް އިޝްތިހާރުކުރަމުންދާއިރު، އެ އިޝްތިހާރުތަކުގައި ބުނެފައިވާ ގޮތުން އޭނާއަކީ ސިހުރު ރަނގަޅުކުރުމާއި، ކައިވެންޏާއި ޞިއްޙީ މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގެ އިތުރުން ފާލުބަލާ މީހެކެވެ. އަދި ވަޓްސްއެޕް މެދުވެރިކޮށް ނުވަތަ ގުޅައިގެން އޭނާގެ ޚިދުމަތްތަކަށް އެޕޮއިންޓްމަންޓަށް އެދެވޭނެ ރާއްޖޭގެ ފޯނު ނަންބަރެއްވެސް އިޝްތިހާރުގައި ޖަހާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަންއިއްބެ - 2025-01-21T13:50:35

    ބަލަންފަށަނީ މިހެންކިޔާތާކިތައްދުވަސްވެއްޖެތަ