Saturday, October 31
ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި
ޚާރިޖީ ވަޒީރު، ޑރ. އަބްދުﷲ ޚަލީލް، ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސުލް ލޯދި އަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. މިގޮތުން މިއަދު ބޭއްވެވި ބައްދަލުވުމެއްގައި ވަޒީރު ވަނީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޕާކިސްތާން ސަރުކާރުން ވެދެއްވާ އެހީތައް ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވައިފައެވެ. މީގެ އިތުރުން، ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު މިހާރު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަޒީރާއި ސަފީރު ވަނީ މަޝްވަރާ ކުރައްވައިފައެވެ. ސަފީރު ފައިސަލް ރަސުލް ލޯދި ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ދެމެދު ގައި އޮތް ގާތް ގުޅުން ބަދަހިކޮށް، ދެޤައުމަށް ވެސް ފައިދާ ހުރި ކަންކަމުގައި އެކުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވައިފައެވެ. މި ބައްދަލުވުމާ ގުޅޭގޮތުން ޑރ. ޚަލީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަން ޔަޤީންކުރައްވާ ކަމަށެވެ. މި ބައްދަލުވުމުގައި ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ އަބްދުއްސަމަދު، އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުﷲ ދީދީ އަދި ޑިރެކްޓަރ އަޝީރު އަބްދުލް އަޒީޒް ބައިވެރިވެ ވަޑައިގެންނެވިއެވެ. ޕާކިސްތާނުގެ ސަފީރުގެ އަރިހުގައި އެ ހައި ކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ ޒުލްޤަރުނައިން އަޙްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު