ސިޔާސީ ޕާޓީތަކަށް އޮޅުވާލައިގެން މެންބަރުން އިތުރުކުރުމަށް އޮޅުވާލައިގެން މީހުން ރަޖިސްޓްރީކުރަމުންދާ މައްސަލަ ބެލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.
ސިޔާސީ ޕާޓީތަކުގެ މެންބަރުކަމަށް ރަޖިސްޓްރީ ކުރުމުގައި ޒާތީ މަޢުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަކަރުވެރި ޢަމަލުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭހެން އާންމު ރައްޔިތުންގެ ޒާތީ މަޢުލޫމާތު ދައުލަތުގެ ރެކޯޑުތަކުން ޤާނޫނާ ޚިލާފަށް ހޯދުމާ ގުޅޭ ހާދިސާތަކާމެދު ކަންބޮޑުވާ ކަމަށާއި، މިފަދަ ޢަމަލުތަކަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއާއި 30 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ޒާތީ ދިރިއުޅުމުގެ ޙައްޤާއި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ އަސާސީ ޙައްޤުތަކާ ޚިލާފު ކަންކަން ކަމަށޭވެ. އަދި ސިޔާސީ ޕާޓީއަކަށް ވަނުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް އިޚްތިޔާރުކުރާ ޙައްޤު ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއެކު ބޭނުންކުރެވެން ވާނެ ކަމަށެވެ.
"ދައުލަތުގެ ރެކޯޑުތަކުންނާއި އަމިއްލަ ފަރާތްތަކުގެ ރެކޯޑުތަކުން ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ހޯދާ ބޭނުންކުރުމަކީ ފަރުދުންގެ ޒާތީ ދިރިއުޅުމުގެ ޙައްޤަކަށް އަރައިގަނެވޭ ކަންބޮޑުވާންޖެހޭ ކަމެއް. ނިޒާމުގެ ތެރެއިން ފަރުދުންގެ ޒާތީ މަޢުލޫމާތު އެއްވެސް ހުއްދައެއް ނުވަތަ ރުހުމަކާ ނުލައި ސިޔާސީ ބޭނުންތަކަށް ބޭނުންކުރެވޭ ގޮތަށް ބައްޓަން ކުރެވިފައި މިވަނީ ކީއްވެތޯ ދެނެގަތުމަށާއި، މިފަދަ ޢަމަލުތަކުގައި ބައިވެރިވެ ތަރުހީބުދޭ އަމިއްލަ ފަރުދުންނާއި، މުއައްސަސާތައް އަދި ޕާޓީތަކާމެދު އަޅަންޖެހޭ ސުލޫކީ އަދި ޤާނޫނީ ފިޔަވަޅުތައް އެޅުމަށް އަވަސް އަދި މިނިވަން ތަޙުޤީޤެއް ކުރުމަކީ މުހިންމު ކަމެއް ކަމަށް މި ޖަމުޢިއްޔާއިން ދެކެން"، ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ ޖަމުޢިއްޔާއިން ބުނީ އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މެންބަރުން އިތުރުކުރުމާއި، މެންބަރުން ހިމެނިފައިވާ ޕާޓީ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ މީޑިއާތަކުން އަދި ވަކިވަކި ފަރުދުންގެ ފަރާތުން ތަކުރާރުކޮށް ފާހަގަކުރަމުން އަންނަ ޝަކުވާއެއް ކަމަށާއި، މިފަދަ ޝަކުވާތަކާއި މައްސަލަތައް ތަކުރާރުކޮށް ރިޕޯޓުކުރެވޭ ނަމަވެސް، ޒާތީ މަޢުލޫމާތު ބޭނުންކޮށް އަސާސީ ޙައްޤުތަކާ ޚިލާފުވުމާ ގުޅިގެން އެއްވެސް މުއްސަސާއަކަށް އަދި ސިޔާސީ ޕާޓީއަކާމެދު ފިޔަވަޅު އެޅިފައި ނުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން، ތަމްސީލީ ޑިމޮކްރަސީއެއްގައި ސިޔާސީ ޕާޓީތަކަކީ ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިކޮށްދޭ މުހިންމު ބައެއް ކަމަށް ވުމުން، ސިޔާސީ ޕާޓީތަކަކީ އަޚްލާޤީ މިންގަނޑުތައް ދަމަހައްޓައި، ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްތަކާއި ސިޔާސަތުތައް ގެންނަން ޖެހޭ ބައެއް ކަމަށާއި، ވަކިން ޚާއްޞަކޮށް ޒާތީ މަޢޫލޫމާތާއި ސެންސިޓިވް ޑޭޓާ ބެލެހެއްޓުމުގައި ހަރުދަނާ ނިޒާމރެއް ޤާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ސަރުކާރާއި، އީސީ އަށާއި ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކަށް އަންނިވި ކަންކަން ކުރުމަށް ގޮވާލައިފައެވެ.
- ސިޔާސީ ޕާޓީތަކަށް މެންބަރުން އިތުރުކުރުމަށް އޮޅުވާލައިގެން މެންބަރުން ރަޖިސްޓްރީކުރަމުންދާ މައްސަލަ ޚާއްޞަ މައްސަލައެއްގެ ގޮތުގައި އީސީން ފުރިހަމަ، މިނިވަން އަދި ހާމަކަން ބޮޑު ގޮތެއްގައި ތަޙުޤީޤުކޮށް، މައްސަލައިގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.
- އެއްވެސް އަމިއްލަ ފަރުދެއްގެ ރުހުމާ ނުލައި، މަކަރާއި ހީލަތުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ހުށަހަޅައި ބަލައިގަނެފައިވާ ރައްޔިތުންގެ ރެކޯޑުތައް ފޮހެލުން.
- ޖަވާބުދާރީވުމާއި ހާމަކަން ކަށަވަރުކުރުމަށްޓަކައި އެކަށީގެންވާ ޗެކްސް އެންޑް ބެލެންސަސް އާއެކު ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ނިޒާމު ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، މިފަދަ ކަންކަން ގަވާއިދުން މޮނިޓަރކޮށް މުރާޖަޢާކުރެވޭނެ ނިޒާމު ތަޢާރަފްކުރުން.
- ސިޔާސީ ޕާޓީތަކާއި ގުޅުމަށް ހުށަހެޅޭ ފޯމުތަކުގެ ޞައްޙަކަން ކަށަވަރު ކުރުމަށް އީސީން ހަރުދަނާ ވެރިފިކޭޝަން މެކޭނިޒަމްތަކެއް ތަންފީޒު ކުރުން.
- ރައްޔިތުންގެ މުހިންމު އަދި ޒާތީ މަޢުލޫމާތު ހިމެނޭ ސެންޓްރަލް ޑޭޓާބޭސްތަކުގައި މިހާރު ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދިރާސާކޮށް، ރައްޔިތުންގެ ޒާތީ މަޢުލޫމާތުތައް ރައްކާތެރިކޮށް ހިމާޔަތްކުރެވޭ ފަދަ ގޮތަކަށް ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުން.
- ސިޔާސީ މުއައްސަސާތަކުގެ މެދުގައި ޑިމޮކްރަޓިކް އަސާސްތައް ކުރިއެރުވުމަށް ހޭޅުންތެރިކުރުމުގެ ޕުރޮގުރާމުތައް ހިންގުމާއި، ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ އިތުރުން ޝަކުވާތަކާއި ހައްލު ހޯދޭނެ ހަރުދަނާ ނިޒާމުތައް ޤާއިމުކުރުން.
- ރައްޔިތުންގެ ޒާތީ މަޢުލޫމާތު ބަލަހައްޓާ ދައުލަތުގެ އަމިއްލަ މުއައްސަސާތަކުން ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި ޕްރޮޓޮކޯލްތައް ހިމެނޭ ހަރުދަނާ ޑޭޓާ ޕްރޮޓެކްޝަން ޤާނޫނެއް އެކުލަވާލައި ތަންފީޒުކުރުން އަދި މިފަދަ ޤާނޫނެއްގައި ހައްސާށް ޑޭޓާގެ ބޭނުން ނަހަމަ ގޮތުގައި ނުހިފޭނެ ގޮތަށް ފުޅާ ދާއިރާއެއްގައި ހާމަކަން ބޮޑުކުރުމާއި ޖަވާބުދާރީ ކުރުވުމުގެ ފްރޭމްވޯކްތައްވެސް ހިމެނުން.
ޓްރާންސްޕޭރެންސީން ބުނީ ސަރުކާރާއި ސިޔާސީ ޕާޓީތަކަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ މުހިންމު އަސާސީ ޙައްޤެއް ކަމަށްވާ ޒާތީ ދިރިއުޅުމުގެ ޙައްޤު ކަށަވަރުކޮށް، މަޢުލޫމާތު ލިބިގެން އަމިއްލަ އިޚުތިޔާރުގައި ނިންމުންތައް ނިންމުމުގެ ފުރުޞަތު އޮންނަން ޖެހޭ ކަމަށޭވެ.
އަދި ޙައްޤުތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، މަޢުލޫމާތުގެ ޕްރައިވަސީ ހަރުދަނާކޮށް، މަޢުލޫމާތު ބަލަހައްޓާ ނިޒާމުތައް ހަރުދަނާކޮށް ވަރުގަދަ ޖަވާބުދާރީވުމުގެ ނިޒާމުތައް ޤާއިމުކުރުމުގެ ތެރެއިން، ޑިމޮކްރަސީގެ އަސާސްތައް ދެމެހެއްޓިގެންދާނެ ކަމަށްވެސް ޓްރާންސްޕޭރެންސީން ވަނީ ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން