Saturday, October 31
އަލަށް ޢައްޔަނުކުރެވުނު އިންޑިއާގެ ސަފީރާ ޑރ. ޚަލީލް ބައްދަލުކުރައްވައިފި
އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ޖީ. ބަލަސުބްރަމަނިއަމް، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލްގެ އަރިހަށް މިއަދު އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ‎މި ބައްދަލުވުމަށްފަހު ވަޒީރު ޑރ. ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސަފީރު ބަލަސުބްރަމަނިއަމް އަށް މަރުޙަބާ ދަންނަވައިފައެވެ. މިގޮތުން ވަޒީރު ޑރ. ޚަލީލް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފައިދާތަކެއް ލިބެމުންދާ މި ގާތް ގުޅުން ކުރިއަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން ބަލަސުބްރަމަނިއަމްގެ ސަފީރުކަމުގެ ދައުރުގައިވެސް ރާއްޖެއާއި އިންޑިއާ އާ ދެމެދުގެ އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައިވެސް ޑރ. ޚަލީލް ވިދާޅުވިއެވެ. ޚާރިޖީ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވަޒީރާއި ސަފީރު ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި ޑރ. ޚަލީލް ވަނީ، އިންޑިއާ ސަރުކާރުގެ ފަަރާތުން ރާއްޖެއަށް ފޯރުކޮށްދެއްވާފައިވާ އެހީތެރިކަމަށްޓަކައި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވައިފައެވެ. ‎މި ބައްދަލުވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ދެއްވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމަށް ފައިދާހުރި ކަންތައްތައް ހާސިލްކުރުމަށްޓަކައި ސަރުކާރާއެކު ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ސަފީރު އެރުވިއެވެ. ‎މި ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި ފޮރިން ސެެކްރެޓަރީ ފާތިމަތު އިނާޔާ، އެމްބެސެޑަރ އެޓް ލާޖް، މުހައްމަދު ފަހުމީ ހަސަން، އިންޑިއާ ޑިވިޜަންގެ ޖޮއިންޓް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ، ޑިރެކްޓަރ އަޙްމަދު ސުޒިލް އަދި ޑިރެކްޓަރ އާއިޝަތު ޝަހުލާ ބައިވެރިވެވަޑައިގެންނެވިއެވެ. އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ އަރިހުގައި ޑެޕިއުޓީ ހައިކޮމިޝަނަރ ކުމާރް ގޯރަވް ބައިވެރިވެވަޑައިގަތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު