Saturday, October 31
މި އަހަރަށް ސަޢޫދީން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި

1446 ވަނަ އަހަރުގެ ރަމަޟާން މަހަށް ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މާލެއާއި ހުޅުމާލެއާއި ވިލިމާލެއަށް ކަދުރު ބަހާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މީގެ އިތުރުން، ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން، ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރު ދޭ ގޮތަށް ހަމަޖެހިފައިވާއިރު، ގޭބިސީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އެ ގޭބިސީއެއްގެ ކަރަންޓި މީޓަރުގެ ނަންބަރަށް ބަލައި އަދި ކަދުރާ ހަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައި ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

މާލެ ސަރަހައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 06 ފެބުރުވަރީ 2025 ގެ ނިޔަލަށް ކޮންމެ ދުވަހަކު 09:30 އިން 13:00 އަށެވެ.

މީގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި ރަށްރަށުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.

އަދި، ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ރަމަޟާން މަހުގެ އިފްތާރު ޕުރޮގުރާމަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމުޢިއްޔާ ޖަމާޢަތްތަކަށްވެސް ކަދުރު ދޭ ގޮތަށް މިފަހަރު ހަމޖައްސާފައިވާއިރު، އެކަމަށް ޝައުޤުވެރިވާ ޖަމުޢިއްޔާ ޖަމާޢަތްތަކުން ވުޒާރާގައި ނަންނޯޓު ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ކޮންމެ ރަމަޟާން މަހަކަށްވެސް ސަޢޫދީން ރާއްޖެއަށް ކަދުރު ހަދިޔާކުރާއިރު، މި އަހަރު އެ ޤައުމުގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ 50 ޓަނުގެ ކަދުރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ހަވާލުކުރީ މި މަހުގެ 16 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު