Saturday, October 31
ޝުޢައިބު އަވަހާރަވުމަކީ ގައުމަށާއި ޝަރުއީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް: ރައީސް

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޒު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވުމަކީ ދިވެހި ގައުމަށާއި، ރާއްޖޭގެ ޝަރުއީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ ޝުޢައިބު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ޖަސްޓިސް (ރިޓަޔަރޑް) ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވުމަކީ ދިވެހި ގައުމަށް އަދި ވަކީން ޚާއްސަކޮށް ރާއްޖޭގެ ޝަރުއީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

އެމަނިކުފާނު ވަނީ 23 އަހަރަށް ވުރެ ދިގު މުއްދަތަކަށް،  ފަނޑިޔާރު ކަމުގައި ގައުމަށް މުހިންމު ޚިދުމަތްތަކެއް ކުރައްވައިފައިކަން ވެސް ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވައިފައިވެއެވެ.

މީގެއިތުރުން ޝުޢައިބަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ދަރިވަރުން ބިނާކުރައްވައި ތަރުބިއްޔަތުކޮށްދެއްވި އެދުރެއްގެ ގޮތުގައިވެސް ޚާއްސަ ޚިދުމަތްތެރިއެއްކަމަށް ރައީސް ވިދާޅުވިއެވެ.

''މަރުހޫމް ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ އާއިލާއަށް ކެތްތެރިކަން މާތްﷲ މިންވަރު ކުރައްވާށިއެވެ. އަދި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތް މިންވަރު ކުރައްވާށިއެވެ. އާމީން.'' ރައީސްގެ ޕޯސްޓުގައި ވެއެވެ.

ޝުޢައިބު ޙުސައިން ޒަކަރިއްޔާ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ޝުޢައިބު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވިއިރު އުމުރަކީ 55 އަހަރެވެ.

ޝުޢައިބު ވަނީ 11 އަހަރު ވަންދެން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ފުރުއްވައިފައެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޝުޢައިބު އައްޔަންކުރައްވައިފައިވަނީ 26 މާޗު 2011 ގައެވެ. އެ މަގާމުން ރިޓަޔާ ކުރެއްވީ 22 ނޮވެންބަރު 2022 ގައެވެ.

ޝުޢައިބު އަވަހާރަވުމާ ގުޅިގެން މިއަދު އިރުއޮއްސި 18:00 އިން ފެށިގެން މާދަމާގެ އިރުއޮއްސި 18:00 އަށް ކޯޓުތަކުގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ވަނީ ނިންމައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު