Saturday, October 31
ކެބިނެޓަށް ގެންނެވި ބަދަލުތަކާއެކު އައްޔަންކުރެއްވި ވަޒީރުންނަށް ކޮމިޓީން ރުހުން ދީފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކަާއެކު މިދިޔަ ޑިސެމްބަރު މަހު އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ކެބިނެޓަށް ބަދަލުތަކެއް ގެންނަވައި، ބައެއް މިނިސްޓްރީތަކުގެ ނަން ބަދަލުކުރެއްވީ މިދިޔަ މަހުގެ 26 ގައެވެ.

އެ ދުވަހު ގެންނެވި ބަދަލުތައް:

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ކަމަށް މޫސާ ޒަމީރު

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ކަމަށް ޑރ. ޢަލީ ޙައިދަރު އަޙްމަދު

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ކަމަށް ޑރ. މަރްޔަމް މާރިޔާ

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމަށް ޑރ. ޢަބްދުﷲ މުއްޠަލިބް

މި ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގައެވެ.

މި ހަތަރު ބޭފުޅުންނަކީ ކުރިން ވެސް ވަޒީރުކަމުގައި ތިއްބެވި ބޭފުޅުންނެވެ. އެގޮތުން ކޮމިޓީން ކުރިން ވެސް އެ ބޭފުޅުންނަށް ރުހުން ދީފައިވާތީ، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ބޭފުޅުންނަށް ރުހުން ދޭން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ޑިސެމްބަރު 26 ގައި ކެބިނެޓަށް ގެންނެވި މި ބަދަލުތަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި އެ މިނިސްޓްރީގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބަދަލުކުރައްވާފައެވެ.

މިއީ މި ސަރުކާރުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނެވި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ކެބިނެޓަށް ބަދަލުތަކެއް ގެންނެވީ މިދިޔަ ސެޕްޓެމްބަރު 30 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު