ނިމިގެންދިޔަ 2024 ވަނަ އަހަރު ޖުމުލަ 2،485 ކައިވެނި ކޮށްދީފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ކޯޓުން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އަހަރު 1،326 ވަރި ސާބިތުކޮށްދީފައިވެއެވެ. އަދި ރާއްޖެއިން ބޭރުގައި ކޮށްފައިވާ 181 ކައިވެނި ރަޖިސްޓްރީކޮށްދީފައިވާއިރު، 163 ދިވެހި ބިދޭސީ ކައިވެނި ވަނީ ކޮށްދީފައެވެ. އޭގެ ތެރޭގައި ބިދޭސީ 45 ފިރިހެނުންނާއި ބިދޭސީ 118 އަންހެނުން ހިމެނެއެވެ.
މީގެ އިތުރުން މިދިޔަ އަހަރު އަނބިދަރިންގެ ޚަރަދާއި، ޢިއްދައިގެ ޚަރަދާއި، ވިހެއުމުގެ ޚަރަދާއި، ކައިވެނީގެ ރަނުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ޖުމުލަ 97،170،594.94ރ. ދެއްކުމަށް ސާބިތުކުރެވުނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ފެމިލީ ކޯޓުން ވަނީ ޤަޟިއްޔާތަކާ ގުޅިގެން 46،792،061.34 ރުފިޔާ ބައލައިގަނެ، 2023 ވަނަ އަހަރު ރައްދު ނުކުރެވި ހުރި ފައިސާ ހިމެނޭ ގޮތަށް 47،542،924.87ރ. ރައްދުކޮށްދީފައެވެ. އެ ކޯޓުން ވަނީ ގެވެށި އަނިޔާއިން ރައްކާތެރިކުރުމާއި ކުޑަކުދިންގެ ޙާއްޤުތަކާ ގުޅޭ ޢަމުރުތައް ހިމެނޭ ގޮތުން ޖުމުލަ 117 އަމުރެއް މިދިޔަ އަހަރު ނެރެފައެވެ.
ފެމިލީ ކޯޓުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ފެށުނު އިރު، 2023 ވަނަ އަހަރު 318 މައްސަލައެއް ކޯޓުގައި އޮތެވެ. އަދި މިދިޔަ އަހަރު އެކަނިވެސް 2،293 މައްސަލަ ހުށަހެޅިފައިވާއިރު، 2024 ވަނަ އަހަރު ބަލައި ނިންމި މައްސަލަތަކުގެ ޢަދަދަކީ 2،370 އެވެ. އަދި ކޯޓަށް ހާޒިރުވުމަށް އަންގައި 12،096 ޢަމުރުވެސް ވަނީ ފޮނުވައިފައެވެ.
މިދިޔަ އަހަރު 4،101 ޝަރީޢަތުގެ އަޑުއެހުން ބޭއްވުނުއިރު، ޢާއިލީ މައްސަލަތައް ޙައްލުކުރުމާ ބެހޭ ބަޔަށް 227 މައްސަލަ ހުށަހެޅި، 119 މައްސަލައަކަށް ޞުލްޙަވެރި ޙައްލެއް ހޯދައިދީފައިވެއެވެ.
މީގެ އިތުރުން، ދެމަފިރިންގެ މެދުގައި ޖެހިފައިވާ މައްސަލަތައް ޙައްލުކުރުމަށާއި، ވަރިވެފައިވާ ދެމީހުންގެ ދަރިން ބެލުމާ ގުޅޭގޮތުން ހަ އެއްބަސްވުން ލިޔުމުން ވެފައިވާއިރު، ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕުރޮގުރާމުގައި 1،746 ފިރިހެނުންނާއި 1،682 އަންހެނުން ހިމެނޭ ގޮތަށް ޖުމުލަ 3،428 މީހުން ވަނީ ބައިވެރިވެފައެވެ.
މި ލިޔުން ކިޔާލުމުން