Saturday, October 31
އޮޕަރޭޝަން ކުރަނގީގެ ދަށުން ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ހަރަކާތެއް މިއަދު މާލޭގައި

ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި"' ދަށުން ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ހަރަކާތެއް މިއަދު މާލެ ސަރަހައްދުގައި ފަށައިފިއެވެ.

ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ މި ހަރަކާތް ކުރިއަށްދާނީ މިއަދު ހެނދުނު 08:00 އިން ހަވީރު 18:00 އާ ހަމައަށް ކަމަށެވެ.

މި އޮޕަރޭޝަނުގައި އެ ވުޒާރާގެ 75 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި އޮޕަރޭޝަން ކުރަނގި ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 02 ވަނަ ދުވަހުއެވެ.

މި އޮޕަރޭޝަންގެ ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ ވުޒާރާގެ މަގުސަދެއް ނޫނެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.

ހަމައެއާއެކު ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން ފޮނުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް 18,000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު