Saturday, October 31
މިސްކިތުގައި ކުޅިވަރު ކުޅުނު ކަމަށް ބުނެ ވާހަކަ ފަތުރަނީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް: ވިލުފުށީ ކައުންސިލު

ތ.ވިލުފުށީ މިސްކިތެއްގައި ކުޅިވަރު ކުޅުނު ކަމަށް ބުނެ ވާހަކަ ފަތުރަމުންދަނީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ވިލުފުށީގެ މިސްކިތެއްގެ ތެރޭގައި ދެ ޖިންސްގެ މީހުން ބައިވެރިވެގެން އެކި ކަހަލަ ގޭމުތަކެއް ކުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، އެކަމާ ނުރުހުން ފާޅުކޮށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި މައްސަލާގައި ކައުންސިލުން މިއަދު ނެެރުނު ބަޔާނެއްގައި ބުނީ ޖަނަވަރީ 16 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ފޭސްބުކް ޕޭޖެއްގައި ސަރުކާރާއި ކައުންސިލް އަދި ވިލުފުށީ ސުކޫލް ބަދުނާމުވާ ގޮތަށް ކަމުގެ ހަގީގަތް ގަސްދުގައި އޮޅުވާލައިގެން 2024 ވަނަ އަހަރުގެ ޓީޗަރުންގެ ދުވަސް (06 އޮކްޓޯބަރ 2024 ގައި) ފާހަގަކުރުމަށް ގެންދިޔަ ހަފްލާގެ ތެރެއިން ކުރިއަށް ގެންދިޔަ ޓީމް ބިލްޑިންގ އެކްޓިވިޓީގެ ވީޑިއޯއަކަށް މިއުޒިކް އަޅައިގެން އެޑިޓްކޮށްގެން އާންމުކޮށްފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައިވަނީ ނުތަނަވަސްކަން އުފެދިގެން ގޮސްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

'"އެހެންކަމުން ކަމުގެ ހަގީގަތް އޮޅޭ ގޮތަށް މި ވީޑިއޯ ފަތުރަމުންދާ މައްސަލަ ހަރުކަށި އިބާރާތުން ކައުންސިލްގެ ފަރާތުން ކުށްވެރިކުރަމެވެ."' ބަޔާނުގައިވެއެވެ.

މީގެއިތުރުން ކައުންސިލުން ބުނީ ނަލަހިޔާ އިސްލާމީ މަރުކަޒުގެ ނަލަމާލަމަކީ ދީނީ އަދި އިޖުތިމާއީ އެކިއެކި ބޭނުންތަކަށް ބޭނުންކުރަމުންދާ ތަނަކަށްވާތީ، ރަށުފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ބާއްވާ އެކިއެކި މުބާރާތްތަކާއި ހަރަކާތްތަކަށް މީގެކުރިން ވެސް އެތަން ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެތަން ސެމިނަރ ހޯލަތަކަށް ބަދަލުކުރުމުގެ ކުރިން ބޭނުންކުރަމުން ގޮސްފައިވަނީ އަންހެނުން ނަމާދުކުރާ ބައިގެ ގޮތުގައި ކަމަށާއި، ނަމަވެސް މިހާރު އަންހެނުން ނަމާދުކުރަނީ މިސްކިތުގެ މަތީބައިގައި އަންހެނުންނަށް ޚާއްސަކޮށް ޕާޓިޝަންޖަހައިގެން ހަދާފައިވާ ބައެއްގައި ކަމަށެވެ.

ނަލަމާލަމުގައި މި ވަގުތު އަޅާފައިވާ ކާޕެޓަކީ މިސްކިތުގެ ނަމާދުކުރާ ބައިގައި ކުރިން އަޅާފައިވާ ކާޕެޓެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ވިލުފުށީ ކައުންސިލުން ބުނީ އެ ކައުންސިލަކީ ދީނީ ކަންކަމަށް ޚާއްސަ އިސްކަމެއްދީގެން ދީނުގެ އިލްމުވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަންކަން ކުރުމަށް އަބަދުވެސް މަސައްކަތްކުރަމުންދާ ކައުންސިލެއް ކަމަށެވެ.

ނަމަވެސް ޓީޗަރުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަށް ކައުންސިލުން ބޭއްވި ހަފްލާއެއްގެ ތަންކޮޅެއް ނަގައިގެން ކަމުގެ ހަގީގަތް އޮޅޭގޮތަށް އޭގެއަށް މިޔުޒިކް އަޅައިގެން ރައްޔިތުންގެ މެދުގައި ސަރުކާރާއި، ކައުންސިލާއި، އަދި ސުކޫލްގެ ޓީޗަރުންގެ އަގުވައްޓާލައި ނަފުރަތު އުފެއްދުމަށް މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ އަމަލެއް ހިންގިކަމީ ކައުންސިލުން އެކަމާއި ނުހަނު ހިތާމަކުރާކަމެއް ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ކައުންސިލުން މިސްކިތުގެ ހުރުމަތް ކެނޑޭނެފަދަ އަމަލެއް ނުކުރާނެ ކަމަށާއި، އެފަދަ ކަމަކަށް ތަރުހީބު ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު