Saturday, October 31
ވަޒީރު އިޙްސާން މަގާމުން ވަކިކުރަން އެމްޑީޕީއިން މަޖިލީހަށް ހުށަހަޅައިފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން އިތުރުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި މައްސަލާގައި، ދާޚިލީ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންގެ މަޖިލީހަަށް މިއަދު ހުށަހަޅައިފިއެވެ.

އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމީ މިދިޔަ ބުދަ ދުވަހުއެވެ.

މިގޮތަށް ނިންމީ ދާޚިލީ ވުޒާރާގެ ދަށުގައިވާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގައި ހުރި އާންމުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން ވެއްދުމަށް ސައްހަ ނޫން ފޯމު ފުރައި، އެ ފޯމުތައް އީސީއަށް ހުށަހެޅުމުގައި އިޙްސާން އިސްކޮށް ހުންނެވިކަމުގެ ތުހުމަތުގައެވެ.

މީގެއިތުރުން ބިދޭސީން ގެންނަން ކޯޓާ ދޫކުރުމުގެ މަސައްކަތުގެ ތެރެއިން ކޮރަޕްޝަނަށް ތުހުމަތުވާ ކަންކަން ކުރައްވަމުން ގެންދަވާ ކަމުގެ ތުހުމަތުގައެވެ.

އެގޮތުން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ 12 މެންބަރުންގެ ސޮޔާއެކު އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

މި މައްސަލަ ހުށަހަޅަމުން އެމްޑީޕީއިން ބުނެފައިވަނީ އިޙްސާން ގާނޫނާ ޚިލާފަށް ހިންގި އަމަލުތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލުތައް ވެސް ހިމެނޭ ކަމަށެވެ. އަދި އޭނާ ވަޒީރުކަމުގައި ދެމި ހުންނަވައިފިނަމަ، އޭނާގެ މައްޗަށް ހިންގާ ޖިނާއީ ތަހުގީގަށް ހުރަސްއެޅުމުގެ އިހުތިމާލު އޮންނާނެ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން އިޙްސާން އެ މަގާމުގައި އިތުރަށް ހުންނެވުމަކީ ރައްޔިތުންގެ ހައްގުތައް ގެއްލި، ރާއްޖޭގެ ސަލާމަތާއި، ރައްކާތެރިކަމަށް ބުރޫއަރައިފާނެ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އެމްޑީޕީއިން ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު