ސަރުކާރުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކެއް %100 ޑިޖިޓަލައިޒްކުރަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ފުރާވަޑައިގަންނަވަމުން ޕީއެސްއެމް އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
މިގޮތުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޕަބްލިކް ސަރވިސް އެއްކޮށް ޑިޖިޓަލައިޒްކުރަން ބޭނުންފުޅުވާ ކަމަށާއި، އެސްޓޯނިއާގައި އެކަން އޮތީ ހާސިލުކޮށްފައި ކަމަށެވެ.
"ހުރިހާ ޕަބްލިކް ސަރވިސްއެއް، ސަރުކާރުން ދޭ ހުރިހާ ޚިދުމަތްތަކެއް، ހުރިހާ ކަމެއް ހަމަ %100 ޑިޖިޓަލައިޒްކުރަން ބޭނުން"، ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކަރުދާހުން އަރުޝީފުކުރެވިފައިވާ ތަކެތިވެސް މުޅިން އެއްކޮށް ޑިޖިޓަލައިޒްކުރަން ބޭނުންފުޅުވާ ކަމަށާއި، ޑިޖިޓަލް ދާއިރާއިން ރާއްޖޭގެ އިޤުތިޞާދު ފުޅާކުރަން ބޭނުންފުޅުވާ ކަމަށެވެ.
"އަޅުގަނޑު ކަނޑައަޅާފައި އޮންނާނެ 2030 ގެ ކުރިން މި ފަސް އަހަރުގެ ތެރޭގައި އިމްޕްރޫވްކުރަމުން ތަރައްޤީކުރަމުން ގޮސް އެންމެ މަދުވެގެން %15 އަޅުގަނޑުމެންގެ ޖީޑީޕީ އަށް ހިއްސާކުރާނީ ޑިޖިޓަލް އިކޮނޮމީކަމުގައި"، ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ 2040 އާ ހަމައަށްދާއިރު، ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި ކުރިއަށްގެންދަން ބޭނުންވާ ކަންކަމުގެ ތެރޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމުގައެވެ.
ޖަނަވަރީ މަހުގެ 13 އިން 16 އަށް އެސްޓޯނިއާއަށް ރައީސް ކުރެއްވި މި ދަތުރުފުޅުގައި އެއް ޤައުމުން އަނެއް ޤައުމަށް އިތުރަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަނަންސް، މޫސުމީ ބަދަލު، ތިމާވެށީގެ މައްސަލަތައް އަދި ސައިންސާއި ތަޢުލީމީ ދާއިރާގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން