އާދިއްތަ, November 1
މަޑީގެ ބާވަތްތައް ބެލުމަށް ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކުރުމަށް އީޕީއޭއިން އަންގައިފި

ދިވެހިރާއްޖޭގައި އުޅޭ މަޑީގެ ބާވަތްތަށް ބެލުމަށާއި ކާންދިނުމުގައި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކުރުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

މިކަމާއި ގުޅިގެން އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މަޑީގެ ބާވަތްތަކަށް ކާންދިނުމުގެ ކަންކަން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ.

މަޑީގެ ބާވަތްތަކަކީ ގަވައިދެއްގެ ދަށުން ހިމާޔަތް ކޮށްފައި ތިބޭ ދިރުންތަކެއް ކަމަށާއި، އަދި އެ ދިރުންތަކަށް ގެއްލުން ލިބިދޭ އެންމެހާ ކަންކަން ވަނީ މަނާ ކުރެވިފައި ކަމަށް އީޕީއޭ އިން ބުންޏެވެ.

އީޕީއޭއިން ބުނީ މަޑީގެ ބާވަތްތަކަށް ކާންދިނުމާއި ކާން އެޅުމަކީ އެ ތަކެތީގެ ގުދުރަތީ އާދަތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ދިރާސާތަކުން ވެސް އެނގޭ ކަމަށެވެ.

އަދި މަޑީގެ ބާވަތްތައް ބަލާލުމަށް އެ ތަކެއްޗާ އެކު މޫދުގައި ފީނުމަކީ ދިވެހިންނާއި ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލު ކަމަކަށް ވިޔަސް، އެ ހަރަކާތްތަކުގެ ސަބަބުން އިންސާނުންނަށް އެކި ކަހަލަ އަނިޔާވެ އަދި ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ކަހަލަ ހިތާމަވެރި ހާދިސާތައްވެސް ހިނގުމަށް މެދުވެރިވާ ކަމަށެވެ.

އީޕީއޭއިން ބުނި ގޮތުގައި މިގޮތަށް ކަންތައްތައް ދިމާވާ މައިގަނޑު އެއް ސަބަބަކީ މިފަދަ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ މިޔަރު އެއްވުމުން މަޑި ނުވަތަ މިޔަރަށް ކާންދޭން އުޅުމުގެ ތެރޭގައި މިޔަރު ދަތް އެޅުމެވެ. މީގެ އިތުރުން މަޑި ކަށި ހެރިގެން ވެސް ހާދިސާތައް ހިނގުމަށް މަގުފަހިވެގެންދެއެވެ.

މި ކަހަލަ ހާދިސާތައް ރާއްޖޭގައި ގިނަވުމަކީ ޓޫރިޒަމަށް ވެސް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށް އީޕީއޭ އިން ބަޔާނުގައި ބުނެފައިވެއެވެ.

އީޕީއޭ އިން އިތުރަށް ބުނި ގޮތުގައި، ރާއްޖެއަށް އަންނަ ޓޫރިސްޓުން މަޑި އާއި މިޔަރަށް ކާންދިނުން ހުއްޓުވުމަށާއި މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އެ އެޖެންސީއަށް ވަނީ ޝަކުވާ ހުށަހަޅައިފަ އެވެ.

ވީމާ މަޑީގެ ބާވަތްތައް ބެލުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިންގުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު ވެއްޖެ ނަމަ، ފިޔަވަޅު އަޅާނެ ކަމަށްވެސް އީޕީއޭ އިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު