Saturday, October 31
ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެންވަނީ އެއްވެސް ޤައުމަކާ ހަތުރުވެރި ނުވެ، ރައްޔިތުންނަށް މަންފާ ލިބޭ ގޮތަށް: ޑރ. ޚަލީލް
ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެންވަނީ އެއްވެސް ޤައުމަކާ ހަތުރުވެރި ނުވެ، ރައްޔިތުންނަށް މަންފާ ލިބޭ ގޮތަށް ކަމުގައި ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ޑރ. ޚަލީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލެއް ނުވާ ކަމަށާއި، އ.ދ. ގައި ރާއްޖެއިން ވޯޓު ދެމުންދާގޮތް ބައްލަވާލެއްވުމުން އެކަން ސާފުވާނެ ކަމަށެވެ. މިގޮތުން ކުދި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް ކަމަށާއި، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެންވަނީ އެއްވެސް ޤައުމަކާ ހަތުރުވެރި ނުވެ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް އަދި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ ނާރާގޮތަށް ހުރިހާ ޤައުމަކާއެކީވެސް ގާތް ގުޅުން ބޭއްވުމުގު މައްޗަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ޑރ. ޚަލީލް މިހެން ވިދާޅުވެފައި މިވަނީ ރަޝިޔާ އާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ރާއްޖެއިން ޔޫކްރެއިނަށް ތާއީދުކުރާ ކަމަށް ބުނާ ވާހަކަތަކެއް މީސްމީޑިއާގައި ފެންމަތިވެފައި ވަނިކޮށެވެ. މި ވާހަކަތައް ފެތުރިފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ރާއްޖޭގެ އިސް ވަފުދެއް އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް "ރިގިކޮގޫ" ގެ ރައީސް، ލޯރީ ހުއްސާރާއެކު ބޭއްވެވި ބައްދަލުވުމާ ގުޅޭގޮތުން ރިގިކޮގޫން ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ވަނީ، އެސްޓޯނިއާ އާއި ރާއްޖެއަކީ ދުރުގައި އޮންނަ ދެ ޤައުމު ކަމުގައި ވީނަމަވެސް، ކުދި ޤައުމުތަކުގެ ހައިސިއްޔަތުން ދެ ޤައުމުވެސް ހިއްސާކުރަނީ އެއް މަސްލަހަތުތަކެއް ކަމުގައި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް، ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި، މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ ސަލާމަތާއި، ޔޫކްރެއިނަށް ތާއީދުކުރުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ދިފާޢުކުރުމަށް ކަމަށާއި، އ.ދ. ގައި ޔޫކްރޭނަށް ތާޢީދުކުރެއްވި ކަމަށްޓަކައި ދިވެހިރާއްޖެއަށް ޝުކުރު ދަންނަވާ ކަމަށްވެސް ޕޯސްޓުގައި ވެއެވެ. ރިގިކޮގޫން މިގޮތަށް ޕޯސްޓްކުރެއްވުމާ ގުޅިގެން ރާއްޖޭގެ މީސްމީޑިއާގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ތިން އަހަރު ވަންދެން ރާއްޖެއިން ދަހަމަޖައްޓާފައިވާ ވަކި ކޮޅަކަށް ނުޖެހޭ އުސޫލު ނިމުމަކަށް ގެނެސްފައިވާ ކަމަށް ވަނީ ބުނެފައެވެ. ފާއިތުވި ދެ އަހަރުވެސް ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެގޮތުން 25 ޑިސެންބަރު 2024ގެ ނިޔަލަށް ރަޝިޔާގެ 218،682 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ރަޝިޔާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑު ބައެއް ހިއްސާކުރާ ޤައުމަކަށްވާއިރު، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރާއްޖެއިން ވަކި ކޮޅަކަށް ޖެހުމަކީ ފަތުރުވެރިކަމަށާއި، ރާއްޖެއާ ރަޝިޔާ އާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު