Thursday, November 19
ވިއްސާރައިގައި ކުޅުދުއްފުށީގައި ފެންބޮޑުވެގެން އާރުޑީސީން އެހީތެރިވަނީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވުމާ ގުޅިގެން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިގޮތުން އާރުޑީސީން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި، ކުޅުދުއްފުށި ސިޓީގެ ބައެއް ހިސާބުތަކުގައި ފެން ބޮޑުވެ އެކި ވަރުގެ ގެއްލުން ވަމުންދާތީ އެ ކުންފުނީގެ މުވައްޒަފުން، ކައުންސިލް އަދި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، މޫސުން ގޯސް ވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި މި ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން އަންނަ ހޮނިހިރުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މި ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އަދި އާންމުވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށާއި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

މެޓުން ވަނީ އެ އިދާރާ އިން ނެރޭ އެންމެފަހުގެ މޫސުން ލަފާކުރާގޮތާއި މޫސުމީ ސަމާލާއި އިންޒާރުތައް އަދި ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު