އާދިއްތަ, November 1
އައްޑޫ ސިޓީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން

އައްޑޫ ސިޓީގައި ދިމާވެގެން އުޅޭ ކަރަންޓުގެ ހިދުމަތް މެދުކެނޑޭ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އައްޑޫގައި ކަރަންޓުގެ ހިދުމަތަށް ބުރޫ އަރަން ދިމާވީ ސީޕީއެސް ގެ ޖެންސެޓްތަކެއް މައްސަލަ ޖެހުމުގެ ސަބަބުންނެވެ.

މިކަމާ ގުޅިގެން ފެނަކައިން ނެރުނު ބަޔާނުގައި ބުނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޖެންސެޓްތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ސްޕެއާ ޕާޓްސް ލިބި، އެއް ޖެންސެޓުގެ މައްސަލަ މިއަދު ހައްލުވާނެ ކަމަށެވެ.

އަދި ސްޕެއާ ޕާޓްސް ލިބުނުހާ އަވަހަކަށް، ދެން ހުރި ޖެންސެޓުތައް ހައްލުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށާއި މި މައްސަލަ ހައްލުވަންދެން ކަރަންޓު ލޯޑް ހިފެހެއްޓުމަށްޓަކައި، ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން، އެކުލަވާލެވޭ ތާވަލާއި އެއްގޮތަށް، ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ފެނަކައިން ބުނީ މިކަމުގެ ސަބަބުން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.

އަދި މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް ކަރަންޓުގެ ހިދުމަތް އާއްމު ހާލަތަކަށް ގެންނަން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށްވެސް ފެނަކަ އިން ވަނީ ބުނެފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު