ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "އޮޕަރޭޝަން ވެށި ރައްކަލް" ގެ ދަށުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކުރި ދެ މީހުން ބަންދުން ދޫކޮށްލުމަށްފަހު އަލުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިންޓެލޖިންސް އަދި ތަޙުޤީޤަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 2024 ޑިސެންބަރު 9 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން، ކަރަންކާވިލާ، އަޙްމަދު ނިއުޝާދު (34 އަހަރު) އާއި ޏ. ފުވައްމުލައް / ދޫޑިގަން، ޒަމާނީގެ، ޙަސަން ޢާޒިމް (29 އަހަރު) އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ކުރިން ހާމަކުރި ގޮތުގައި، ފާއިތުވި 5 އަހަރު ތެރޭގައި އަޙްމަދު ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ. އަދި ފާއިތުވި 2 އަހަރު ތެރޭގައި ޙަސަން ޢާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައާ ގުޅިގެން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އެމީހުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ހައި ކޯޓުން ވަނީ އެމީހުން ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.
މި ދެ މީހުންވެސް ދެވަނަ ފަހަރަށް ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން މިދިޔަ ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކުރުމުން، އާޒިމްގެ ބަންދަށް ހަތް ދުވަސް އަދި ނިއުޝާދުގެ ބަންދަށް 10 ދުވަސް ކޯޓުން ވަނީ ޖަހައިދީފައެވެ.
މި ލިޔުން ކިޔާލުމުން