ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ އައު އޮނިގަނޑެއްގެ ސައްލާ ހިންގަން ފެށުމަށް ގޮވާލައި ދަ ޑިމޮކްރެޓްސް (ޑެމްސް) އިން ޤަރާރެއް ފާސްކޮށްފިއެވެ.
މި ޤަރާރު ޑެމްސްގެ ޤައުމީ މަޖިލީހަށް ހުށަހެޅި ޑީސެންޓްރަލައިޒޭޝަން އެންޑް ލޯކަލް ގަވަރނަންސް ކޮމިޓީގެ މުޤައްރިރު، މުޙައްމަދު ވަޙީދު (ވައްޑެ) އެވެ.
މި ޤަރާރުގައި ބުނެފައިވަނީ ދިވެހި ރައްޔިތުންގެ އެތައް ހިންމަތަކާއި މިންނަތަކުން އަދި އެތައް ބައެއްގެ އެތައް ޤުރުބާނީއަކުން ހޯދުނު ފެހި ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ދައުލަތުގެ ބާރު ރައްޔިތުންގެ ކިބައިގައި އޮތްކަމާމެދު ސުވާލު އުފެދި، އެ ބާރުވެރިކަން އަރައިރުންވާ ފަދައަކުން ރިޔާސީ ބާރުވެރިކަން މާ ބޮޑުވެ، މާ މަތިވެރި ވެގެން ގޮސްފިކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީން ވަކިކުރެވިފައިވާ ތިން ބާރުގެ އިންތައް ނެތިވެގޮސް، ވެރިކަން ހިންގުމުގެ ބާރުގެ ހައްދެއް ނެތް ނުފޫޒާ ވަސީލަތްތަކުގެ ބޭނުންހިފައި، ޤާނޫނު ހެދުމުގެ ބާރު ވެރިކަން ހިންގުމުގެ ބާރުގެ ދަށަށް މަހާލެވޭ ސަގާފަތަކަށް ފުރޮޅި، އެކަން ތަކުރާރުވުމުގެ އާދައެއް އަށަގަނެފައިވާ ކަމަށްވެސް އެ ޤަރާރުގައި ވެއެވެ.
މި ދެ ބާރު އެކުވެ އެކަތިގަނޑަކަށް ވުމުން، އެ ދެބައިމީހުންގެ ސިއްރު ޑީލުތަކުން ޝަރުޢީ ނިޒާމަށް ބާރު ހިންގުވުމާއި، އަދި މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަނޑުވާލެވި، އިހުގެ ޢައްޔަނުކުރެވޭ ކޮމިޝަނަރުންގެ ހާލަތަށް އެ މުއައްސަސާތަކުގެ ކޮމިޝަނަރުންގެ ވަޒީފާގެ ޔަޤީންކަން ވެރިކަން ހިންގާ ފަރާތުގެ މުށަށް ނެގިފައިވާ ކަމަށާއި، ރާއްޖެއަށް ޓެކުހުންނާއި އެހެނިހެން ގޮތްގޮތުން ލިބޭ ބޮޑު ބިޔަ އާމްދަނީ ހޭދަކުރުމުގައި ފިތްކަނޑައިގެންދާ މިންވަރަށް ވެރިންގެ ސިޔާސީ އިސްރާފާއި ކޮރަޕްޝަން އާންމުވެގެން ގޮސްފައިވާ ކަމަށާއި، ލިބޭ ބޮޑު އާމްދަނީން ދެކޮޅު ނުޖެއްސި ނަގާ ދަރަނި އިންތިހާއަށް ބޮޑުވެ ޤައުމުގެ ސިޔާދަތަށް ނުރައްކާ މިންވަރު ބުރައަކަށް ވެފައިވާ ކަމަށް ޑެމްސްގެ ބަޔާނުގައި ވެއެވެ.
ޑެމްސްގެ ޤަރާރުގައި އިތުރަށް ބުނެފައިވަނީ ރައްޔިތުންގެ މެދުގައި އިންސާފާ އަދުލުވެރިކަމުގެ ރޮނގުން ވެރިކަން ހިންގުމުގެ ސިފަ ނެތިގޮސް، ދައުލަތުގެ ޚިދުމަތްތަކާއި ދައުލަތުން ހަމަހަމަކަމާއެކު ފޯރުވައިދޭން ޖެހޭ ފުރުޞަތުތައް ފޯރުވައިދިނުމުގައި ތަފާތުކުރުން އިންތިހާއަށް ގޮސްފައިވުމާއި، ކޮންމެ ފަސް އަހަރަކުން ފަސް އަހަރަކުން ބާޢްވާ ރިޔާސީ އިންތިޚާބުތަކުގައި ރައްޔިތުން ނުކުމެ އެއިރަކު ހުންނަ ވެރިޔަކު ބަދަލުކުރުމަށް އެނެރޭ ނަތީޖާތަކަށް ރިޢާޔަތްކުރާއިރު، ރާއްޖޭގެ ވެރިކަމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭ ކަމަށް އެ ޕާޓީއަށް ޤަބޫލުކުރެވޭ ކަމަށެވެ.
އެހެންކަމުން، އެ ޕާޓީގެ އެތެރޭގެ މަޝްވަރާއާއި ޕާޓީން ބޭރުގެ މަޝްވަރާވެސް ހިމެނޭގޮތުން، ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ބަހުސްކޮށް ދިރާސާކޮށްގެން ރާއްޖޭގެ ވެރިކަމުގެ އައު އޮނިގަނޑުގެ ސިޔާސަތު ކަރުދާހެއް އެކުލަވާލުމުގެ މަސައްކަތް ކުރަން ފެށުމަށް ޑެމްސްގެ ޤައުމީ މަޖިލީހުން އިޤުރާރުވެފައިވާ ކަމަށް އެ ޤަރާރުގައި ވެއެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ޑިމޮކުރަސީގެ ނަމުގައި ޚުދުމުޚުތާރުކޮށް ވެރިކަންކުރި ބަޔަކު ތިވާހަކަ ދެއްކީމާ ވަނީ ޖޯކަކަށް.
މި ލިޔުން ކިޔާލުމުން