އާދިއްތަ, November 1
ފެންބޮޑުވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

މެޓު އޮފީހުން މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ، ބޯކޮށްވާރޭވެހި ލިބިދާނެ ގެއްލުންތަކުން ދުރާލާ ރައްކާތެރިވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން އިލްތިމާސްކޮށްފިއެވެ.

މިގޮތުން ގޯތި ގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ ގެއަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީ ވެލިބަސްތާ ޖެއްސުމާއި، ފެންބޮޑުވާ ސަރަޙައްދުތަކުގައި ސައިކަލްފަދަ ތަކެތި ޕާކު ނުކުރުމާއި ފިހާރަ ގުދަން ރެސްޓޯރަންޓް އަދިވެސް އަގު ބޮޑެތި މުދާ ރައްކާކުރެވިފައިވާ ތަންތަނަށާއި މުދަލަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އެޅުން މުހިންމު ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

މީގެ އިތުރުން ފެންބޮޑުވެ ގެއްލުންލިބޭ ހިސާބުގައި ހުންނަ ކާޑުގެ ބާވަތްތަކާއި އަދި ދޮންނަމެޝިން، އައިސްއަލަމާރި ފަދަ ހިފާގެންގުޅޭ ތަކެތި ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމާއި ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާ ލާފައި ބެހެއްޓުމުގެ އިތުރުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ހޯދުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެންޑީއެމްއޭއިން ބުނީ ދަތުރަށް ފެށުމުގެ ކުރިން މުއާސަލާތީ ވަސީލަތްތަކާއި ސަލާމަތީ އާލާތްތައް ހުރިކަން ކަށަވަރުކުރުމާއި ކާޑުގެ ބާވާތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމު ކުރުމަށެވެ.

އަދި ހާއްސަކޮށް މާލޭގައ،ި ފެންބޮޑުވެފައިވާ ހާލަތެއްގައި ބަރު އުޅަނދު ނުދުއްވުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު